ގއ. އޮޑެގައްލާގައި ތަރައްގީ ކުރަން އުޅުނު ރިސޯޓް މަޝްރޫއު ގަބޫލު ނުކުރަން އީޕީއޭ އިން ނިންމައިފިއެވެ.

އީޕީއޭއިން ބުނީ، އޮޑެގައްލާއަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއްކަމަށާއި، އެގޮތުން އެރަށަކީ ގިނައަދަކަށް ދޫނި ބިސްއަޅަން އަދި ނިދަން އަރާ ރަށެއްކަމަށެވެ. އެހެންކަމުން އެރަށުގައި ޓުއަރިސްޓް ރިޒޯޓެއް ތަރައްގީކޮށްފިނަމަ އެރަށުގެ ތިމާވެށީގެ އެންމެ ހާއްސަ އެއްސިފަކަމުގައިވާ ދޫނީގެ މާހައުލު ގެއްލިގެންދާނެކަމަށް އީޕީއޭއިން ބުނެއެވެ. ރިސޯޓު މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އީޕީއޭ އިން ނިންމީ އެ މަޝްރޫއަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓަށް ބަލާ، އެ ރިޕޯޓުން މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ލަފާދީފައިވުމާއި ގުޅިގެންނެވެ.

އީއައިއޭގެ ރިޕޯޓުގައިވާ ގޮތުން، އެރަށަކީ އަހަރުގެ ބައެއް ދުވަސްވަރުގައި ވެލާ ބިސްއަޅަން އަރާ ރަށެއް ކަމަށާއި އެރަށުގެ ފަރަކީ މުއްސަނދި ފަރެއް ކަމަށެވެ. އަދި ރިސޯޓް ތަރައްގީ ކުރުމުގެ މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއްވާނެ ކަމަށް އެ ރިޕޯޓުގަިއވެއެވެ. އެގޮތުން، ރިސޯޓެއް ތަރައްގީ ކޮށްފިނަމަ، އެ ރަށުގެ ވަށައިގެންވާ ވެށި ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑުކަމަށް އެ ރިޕޯޓުގައި ބުނެފައިވާއިރު، އެ ރަށް ހިއްކައިގެން ތަރައްގީ ކުރި ނަމަވެސް މުސްތަގުބަލުގައި ހިއްކާ ސަރަހައްދު ގިރައި، އެކަން ހުއްޓުވަން އިތުރު ހަރަދުތަކެއް ކުރަން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އީޕީއޭ އިން ބުނީ، އޮޑެގައްލާއަކީ ހުވަދު އަތޮޅު، އައްޑޫ އަދި ފުވައްމުލަކުގެ މަސްވެރިން އެންވެރިކަމަށް ބޭނުންކުރާ މުހިންމު ސަރަހައްދެއް ކަމަށާއި، މިފަދަ އެހެން ސަރަހައްދުތައް އެކި މަޝްރޫޢުތަކަށް ދެވިފައިވުމާއި އެކު އަތޮޅުގައި އެންވެރިކަންކުރާ ސަރަހައްދުތައް މަދުވެފައިވާ ކަމަށެވެ. އަދި މިރަށުގައި ރިސޯޓު ތަރައްގީކޮށްފިނަމަ އެކަމުގެ ސަބަބުން އިޖުތިމާއީ ގޮތުން، އަދި އިގްތިސޯދީ ގޮތުން މިތިން އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެގެންދާނެކަމަށް އީޕީއޭއިން ބުނެއެވެ.

އޮޑަގައްލާގައި ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހޮޓަލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީގެ) ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށެވެ. އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރެވޭތީ ޖަނާހުއަށް ބަދަލު ދޭން ޓޫރިޒަމް މިނިސްޓްރީން ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްރޫއާ ގުޅޭގޮތުން، އޮޑަގައްލާ ކައިރީގައި އޮންނަ ރަށްތަކުގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކޮށްފައިވާއިރު، އޭގެ ތެރެއިން މަޝްރޫއު ކުރިއަށްގެންދަން ބޭނުންވީ މާމެންދޫ ކައުންސިލުން އެކަންޏެވެ.