އިސްރާއީލާއި ފަލަސްޠީނުގެ ސުލްހައަށް އެމެރިކާއިން އެކުލަވާލައި ސުލްހައިގެ ޕްލޭންގެ އިގުތިސޯދީ ބާބަށް ފަލަސްޠީނުން ނޫނެކޭ ބުނެފިއެވެ.

ފަލަސްޠީނުގެ އިތުރުން އަރަބި ގައުމުތަކުގެ އިގުތިސޯދު ނެގެހެއްޓުމަށް އެމެރިކާއިން އެކުލަވާލާފައިވާ 50 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނަށް ފަލަސްޠީނުން ދެކޮޅު ހެދީ، އިސްރާއީލާ ފަލަސްޠީނުގެ ސުލްހައަށް އެންމެ ފުރަތަމަ ބޭނުންވަނީ ސިޔާސީ ހައްލެއް ކަމަށް ބުނެއެވެ.

ފަލަސްޠީނާ އިސްރާއީލުގެ ސުލްހައިގެ ޕްލޭންގެ "އިންޖީނު"ކަމަށް އެމެރިކާއިން ސިފަކުރާ އިގުތިސޯދީ ބާބު އާންމު ކޮށްފައިވަނީ ވައިޓް ހައުސްގެ ވެބްސައިޓްގައެވެ.

"ގަރުނުގެ އެއްބަސްވުން" ކަމުގައި އެމެރިކާއިން ސިފަކުރަމުން އަންނަ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ އިގުތިސޯދީ ބާބާ ބެހޭ ގޮތުން، އެމެރިކާ އިސްނަގައިގެން ބަހްރައިންގައިވެސް ބައްދަލުވުންތަކެއް ބޭއްވުމަށް އެގައުމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ނަމަވެސް ފަލަސްޠީނުންވަނީ މިމަޝްވަރާތައްވެސް ބޮއިކޮޓް ކޮށްފައެވެ.

ގުދުސްއަކީ އިސްރައީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން 2017 ވަނަ އަހަރުގެ ފަހުކޮޅު ކަނޑައެޅި ހިސާބުން، ފަލަސްޠީނުން ދަނީ އެމެރިކާ ބޮއިކޮޓް ކުރަމުންނެވެ.

އިސްރާއީލާ ފަލަސްޠީނުގެ ސުލްހައިގެ ޕްލޭން އެކުލަވާލެއްވުމުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާއެވެ.

ކުޝްނާ އެކުލަވާލައްވާ ސުލްހައިގެ ޕްލޭންގެ އިގުތިސޯދީ ބާބު ބަލައި ނުގަންނަވާނެކަން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްވެސް ވަނީ ހާމަކުރައްވާފައެވެ. އައްބާސް ވިދާޅުވީ، ސިޔާސީ ފެންވަރުގެ ހައްލެއް ނުލިބެނީސް، އިގުތިސޯދީ ކަންކަމާ މަޝްވަރާ ކުރެވެން ނެތްކަމަށެވެ.

މިއާ ހިލާފަށް ކުޝްނާ ވިދާޅުވީ، "ފުރަތަމަ އިގުތިސޯދު" މި ޝިއާރުގެ ދަށުން ކުރިއަށް ދިއުން ކޮންމެހެން މުހިންމު ކަމަށާ، އިތުރު މައްސަލަތަކާ ކުރިމަތި ނުވެ، ސުލްހައާއިގެން ކުރިއަށް ދެވެން އޮތީ މި ގޮތުގެ މަތިންކަމަށެވެ. މިވަގުތު މުހިންމު އާންމު ރައްޔިތުންނަށްވެސް މި ބާބު ކިޔާލުމުގެ ފުރުސަތު ދިނުން ކަމަށާ، އަދި ކިޔުމަށްފަހު އެމީހުން ދެކޭ ގޮތެއް ބަލާލުން ކަމަށްވެސް ކުޝްނާ ވަނީ ފާހަގަކުރައްވާފައެވެ.

މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ އިގުތިސޯދީ ބާބުގެ ހުލާސާއަކަށް ބަލާއިރު، 50 ބިލިއަން ޑޮލަރުގެ ޕްލޭންގެ ދެބައިކުޅަ އެއްބައި، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ހަރަދުކުރެވިގެންދާނީ، އިގުތިސޯދީ ގޮތުން މިވަގުތު އިނދަޖެހިފައިވާ ފަލަސްޠީނަށެވެ. ބާކީ ބައި ބަހާލެވިގެންދާނީ މިސްރު، ލުބްނާން އަދި އުރުދުންގެ މެދުގައެވެ.