ދަނޑުވެރިންނަށް ހިލޭ ފޯނުކޮށްލެވޭނެ ޕްލޭނެއް އުރީދޫ އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ގުޅިގެން ތައާރަފު ކޮށްފިއެވެ.
މި ހިދުމަތް ތައާރަފް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އުރީދޫ އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަނީ އެއްބަސް ވުމުގައި ސޮއިކޮށްފައެވެ. އުރީދޫގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ސޭލްސް އެންޑް ބްރޭންޑިން ޑިރެކްޓާ ހުސައިން ނިޔާޒެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގާ ސޮއިކުރަށްވާފައި ވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ޑރ. އާމިނަތު ޝަފީގާއެވެ.
މި ރަސްމިއްޔާތުގައި ވާހަފުޅު ދައްވަވަމުން، ފިޝަރީޒް މިނިސްޓާ ޒަހާ ވަހީދު ވިދާޅުވީ ދަނޑުވެރިންގެ މަސައްކަތަށް މިކަނުން ހަލުވިކަން ލިބިގެން ދާނެ ކަމަށާ މި ޕެކޭޖުގެ ސަބަބުން އެ މިނިސްޓްރީގައި ދަނޑުވެރިންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ 7000 އަށްވުރެ ގިނަ ފަރާތްތަކަށް ފަސޭހަ ވެގެން ދާނެ ކަަމަށެވެ.
އަދި މި ޕެކޭޖް ގެ ތެރެއިން މިނިސްތްރީގެ ވެބްސައިޓުގައި ހުންނަ ދަނޑުވެރިންނަށް ހާއްސަ މައުލޫމާތުތައްވެސް އެ ފަރާތްތަކަށް ފެނިގެން ދާނެ ކަަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ޕެކޭޖު ބޭނުން ކުރާ ދަނޑުވެރިންނަށް ދަނޑުވެރިންކަން ކުރުމަށް ބޭނުން ކުރާ ތަފާތު އާލާތްތަކާ ގަސް ހެއްދުމަށް ބޭނުންވާ ކާނާ ގަތުމުގައި ޑިސްކައުންޓު ލިބިގެން ދާނެ ކަމަށްވެސް މިނިސްޓާ ފާހަގަ ކުރެއްވިއެވެ.
އުރީދޫ އަދި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދަނޑުވެރިންނަށް ހާއްސަކޮށް ތައާރަފު ކޮށްފައިވާ މި ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނީ އުރީދޫ ފިހާރައަކުން ނުވަތަ އެހެނިހެން އުރީދޫގެ އޮފިހަކަށް ގޮސްގެން ކަމަށް އުރީދޫއިން ބުނެއެވެ. މި ޕެކޭޖް ތަކުގެ ތެރޭގައި ހުރިހާ ނެޓްވޯކަކަށް ހިލޭ ގުޅޭނެ އަދި ޑޭޓާ ލިބޭ 200 ރުފިޔާއިން ފެށިގެން 8000 ރުފިޔާއާ ދެމެދުގެ އެކި ޕެކޭޖްތައް ވަނީ ތައާރަފް ކޮށްފައެވެ.
އުރިދޫ އިން ބުނީ އުރީދޫ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓުގެ އިތުރުން މި ޕެކޭޖް ނަންގަވާ ފަރާތްތަކަށް ލިބޭ ޑިސްކައުންޓުވެސް މާލޭގައި ގަސްކާނާ ވިއްކާ ފިހާރަތަކުން ދަނޑުވެރިންނަށް ދޭނެ ކަމަށެވެ.
އުރީދޫ އިން ވަނީ މަސްވެރިންނަށް ހާއްސަ ޕެކޭޖް ތަކެއްވެސް މިދިޔަ އަހަރު ތައާރަފް ކޮށްފައެވެ. އުރީދޫ އިން ބުނީ މަސްވެރިންގެ ޕްރޮގްރާމަށް ބޮޑު ތަލުހީބެއް ލިބިގެން ގޮސްފައިވާކަމަށާ، މި ޕެކޭޖަށްވެސް ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.