އެންމެހާ ދިވެހި މުއައްސަސާ ތަކާ ބާރުތަކުން ގާނޫނާއި ގާނޫނު އަސާސީއަށް އިހްތިރާމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ. ރައީސް ވަނީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދައުލަތް ހިންގުމުގެ ނިޒާމަށް ހުރަށް އެޅޭނެ ފަދަ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވިދާޅުވެފައި ވަނީ ޖެއެސްސީ އިން ނިންމި ނިންމުމާ ގުޅޭގޮތުން ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ ޖޭއެސްސީ އަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުއަސާއީއިން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭ ގޮތްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ. އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށް ވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވައުދު ކަމަށާ، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަން ޖެހިވަޑައިގަންނަވާ ހުރިހާކަމެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވެވި މައްސަލައަކާ ގުޅިގެން ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާ އެކު ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން އުވާލުމަށް އަމުރުނެރެފައެވެ. އަދި އެ އަމުރަށް ޖޭއެސްސީ އިން އަމަލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެކޯޓުގެ އަމުރާ ހިލާފަށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި މިއަދު އަމުރެއް ނެރެފައެވެ.