ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިން ހާބަރު ކަޑަ ހުރި ސަރަހައްދުގައި ހެދި ފުޑް ކޯޓެއް ކުއްޔަށް ހިފުމަށްފަހު ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން، އެސްޓީއޯއިން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނިހާންގެ މައްޗަށް އެސްޓީއޯއިން އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑު އެހުން މިއަދު ސިވިލް ކޯޓުގައި ތާވަލު ކުރިއެވެ. މިއަދުގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ ހެނދުނު 10:15 ގައެވެ. ނަމަވެސް އަޑުއެހުމަށް ނިހާން ހާޒިރު ނުވާކަމަށް ވެއެވެ.

އެސްޓީއޯއިން ނިހާންގެ މައްޗަށް ދައުވާ އުފުލީ ފުޑްކޯޓުގެ ޔުނިޓް 22 ކުއްޔަށް ހިފުމަށް ފަހު ދައްކަން ޖެހޭ ފައިސާ ނުދައްކައިގެންނެވެ. އަދި އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އަރާފައި ވާކަމަށް އެސްޓީއޯގެ ދައުވާގައި ބުނެފައިވެއެވެ.

އެސްޓީއޯގެ ދައުވާގައި ބުނެފައިވަނީ ނިހާނު ހިފި ފުޑްކޯޓުގެ ޔުނިޓް 22 އަށް ކޮންމެ މަހަކު 75،945 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ނިހާން އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަމަށް ދައުވާގައިި ބުނެފައިވެއެވެ.

އެސްޓީއޯގެ ފުޑްކޯޓު ތަކަކީ މިދިޔަ ސަރުކާރުން ތަރައްގީ ކުރިތަނެކެވެ. އަދި އެތަންތަން ދިނުމުގައި ކޮރަޕްޝަނަށް މަގުމަފަހި ވާގޮތަށް ދީފައިވާ ކަމަށް ބުނެ އެއިރު ބައެއް ފަރާތްތަކުން މައްސަލަ ޖެއްސިއެވެ. ނަމަވެސް އެ މައްސަލަ އެއިރު ބަލާފައި ނުވެއެވެ.