މާލެ ސިޓީގައި ހިނގާފައިވާ ބޮޑު 3 އެކްސިޑެންޓެއްގައި އިހުމާލުވި ފަރާތްތަކާމެދު ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލުމާތު ދޭ ގޮތުގައި ފިޔަވަޅު އަޅާފައިވަނީ ޖޫން މަހުގެ ތެރޭގައި މާލެ، ބްރިޖް އަދި ހުޅުމާލެ ހައިވޭގައި އެކްސިޑެންޓް ހިނގުމުގައި އިހުމާލުވި ފަރާތްތަކާ މެދުއެވެ.

އެގޮތުން ޖޫން މަހުގެ 4 ވަނަ ދުވަހު މާލެ ހުޅުމާލެ ލިންކް ލިންކްރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ގޮސް ހައިވޭގެ ޑިވައިޑާ ތަކުގައި ޖެހި ޑިވައިޑާ ހަލާކުވެފައިވާ މައްސަލައިގައި އެ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ހިފަހައްޓާފައެވެ. ލައިސަންސް ހިފެހެއްޓުމުގެ އިތުރުން އެކްސިޑެންޓްވި ވަގުތު ކަމާބެހޭ ފަރާތްތަކަށް ނާންގައި ފިލާފައިވާތީ އޭނާވަނީ ޖޫރިމަނާކޮށްފައެވެ.

މެރިން ރިސާޗް ސެންޓަރުގައި ކާރެއް ޖެހި ހިނގާފައިވާ އެކްސިޑެންޓު / ފޮޓޯ ޕޮލިސް

އަަދި ޖޫން މަހުގެ 7 ވަނަ ދުވަހު ގެ ރޭގަނޑުގެ ވަގުތެއްގާ ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލުން ނައްޓާލައިގެން ގޮސް މެރިން ރިސާޗް ސެންޓަރުގެ ފާރުގައި ޖެހުނު ކާރު ދުއްވި މީހާގެ ލައިސަންސް 1 އަހަރާ 6 މަސް ދުވަހުގެ މުއްދަތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހިފަހައްޓާފައެވެ.

އަދި ޖޫން 8 ވަނަ ދުވަހު ބާރު ސްޕީޑް ގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޑިވައިޑާ ތަކުގައި ޖެހި އެތަކެތި ހަލާކުވުމާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސަންސް 1 އަހަރަށް ހިފެހެއްޓިފައިވާ ކަމަށްވެސް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަތަކާ މެދު ފިޔަވަޅު އަޅާފައި ވަނީ ފުލުހުން މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެ އޮތޯރިޓިއަށް ހުށަހެޅުމުން ކަމަށެވެ.