މިހާރު ބޭނުންކުރާ ޕްލާސްޓިކް ސިމްގެ ބަދަލުގައި، އެންމެ ފަހުގެ ސްމާޓް ފޯނުތަކަށް އިންސްޓޯލް ކޮށްލެވޭ ޑިޖިޓަލް ސިމްކާޑެއް ރާއްޖެއަށް ފުރަތަމަ ފަހަރަށް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

ރާއްޖޭއަށް މުޅިން އަލަށް އީސިމްގެ ހިދުމަތް ތައާރަފްކޮށްދީފައި ވަނީ، އުރީދޫ އިން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރި މެހެމާނު މިނިސްޓާ އޮފް ޓުއަރިޒަމް، އަލީ ވަހީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ޚާންއެވެ.

އުރީދުން ތައާރަފްކުރި، މި އިލެކްޓްރޯނިކް ސިމް ކާޑު މެދުވެރިކޮށް، ކޮންމެ ފޯނެއްގައިވެސް 9 ނަމްބަރު ބޭނުންކުރެވޭނެއެވެ. އަމިއްލަ ބޭނުމަށާއި ވިޔަފާރި ކުރުމަށް ގިނަ ނަންބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް، މި ޚިދުމަތުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އުރީދުން ބުނެއެވެ.

އީސިމްގެ ހިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ވެސް ހިޔާރު ކުރެވޭނެއެވެ. މަދު ގައުމެއްގައި މިހާތަނަށް ތައާރަފްކުރެވިފައިވާ މި ހިދުމަތް އަދި ބޭނުން ކުރެވޭނީ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ، އެންމެ ފަހުގެ ފޯނުތަކުގައި އެކަންޏެވެ. މީގެތެރޭގައި، އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އަދި ގޫގުލް ޕިކްސެލް 3 ހިމެނެއެވެ.

އީސިމް ހިދުމަތާ އެކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް އުރީދޫ ނަމްބަރެއް ނަގައި ފަސޭހަކަމާއި އެކު އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފަހުގެ އީޖާދީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެމުންދާ އުރީދޫން މި ދިޔަ ރޯދަމަހު، އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޑިޖިޓަލް ހިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފައި ވެއެވެ. ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށް އުރީދޫން އީޖާދުތަކާއި އާ ވަސީލާތްތައް ފޯރުކޮށްދެމުން ދާކަން ފާހަގަކޮށްލެވެއެވެ.