ދިޔަވަރު ބޮޑުވުމުގެ ސަބަބުން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ ބޮޑުބަޔަކަށް އުދަ އަރައިފިއެވެ.
އިންޑަސްްރިއަލް ޒޯނުގައި ހުރި ގްރޭޓާ މާލެ ބަސް ޓާމިނަލާ ހަމަޔަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ. އަދި އެ ސަރަހައްދުގެ އިތުރުން ކާނިވާ ސަރަހައްދައްވެސް ދަނީ އުދައިގެ އަސަރު ކުރަމުންނެވެ.
އުދަ އެރުމުގެ ސަބަބުން އިންޑަސްޓްރިއަލް ޒޯނުގައި ހުރި ކުނިބުނި ވަނީ އިންޑަސްޓްރިއަލް ޒޯނުގެ މަގުތައް ބޭނުން ނުކުރެވޭވަރަށް މަގުތައް މައްޗަށް ޖަމާވެފައެވެ. މީގެ އިތުރުން ކާނިވާ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން ބޮޑުތަކުރުފާނު މަގަށް ވަނީ އެއްގަމު އުޅަނދުތައް ދުއްވުމަށް އުނދަގޫވާނޭހެން ގާލާއި ވެލި އަރާފައެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އުދަ އެރުމުގެ ސަބަބުން ޖަމާވެފައިވާ ވެއްޔާއި ގާ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އިންޑަސްޓްރިއަލް ޒޯނަށް އުދަ އެރުމުގެ ސަބަބުން ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ވެހިކަލް ތަކަށް އުދައިގެ އަސަރު ކުރަމުން ދާތީ ވެހިކަލްތައް އެ ސަރަހައްދުން ނެގުމަށް އިލްތިމާސް ކޮށްފައެވެ.
ދަ ޕްރެސްއަށް މައުލޫމާތު ދެމުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ކަމުން މިކަމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ރައްޖޭގެ އުތުރަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކަނޑުތައް އާންމު ގޮތެއްގާ މަޑުވާނެ ކަމަށާ އެހެން ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.