ނިއުޒީލަންޑްގެ ކްރިސްޓްޗާޗްގެ 2 މިސްކިތަކަށް ހަތިޔާރު ހިފައިގެން ވަދެ، އެތައް ބަޔަކު މަރާލުމުގެ އަމަލު ހިންގި އޮސްޓްރޭލިއާގެ ބްރެންޓޮން ޓެރަންޓް، އޭނާގެ މައްޗަށް އުފުލާފައިވާ 92 ދައުވާއަށް އިންކާރު ކޮށްފިއެވެ.

މާޗް 15 ވީ ހުކުރު ދުވަހު ކްރިސްޓްޗާޗްގެ 2 މިސްކިތަކަށް ވަދެ، ނަމާދަށް ތިބި 51 މީހަކު މަރާލި މައްސަލާގައި ދައުވާ ކުރަމުންދާ ޓެރަންޓްގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓެރަންޓް މިވަގުތު ހުރީ އޯކްލަންޑްގައި ސެކިއުރިޓީ އިންތިހާއަށް ވަރުގަދަ ކޮށްފައިވާ ޖަލެއްގައި ކަމަށް ވާއިރު، ކްރިސްޓްޗާޗްގެ ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ޝަރީއަތަށް އޭނާ ހާޒިރު ކޮށްފައި ވަނީ ވީޑިއޯލިންކް ޓެކްނޮލޮޖީ މެދުވެރިކޮށް، ވާޗުއަލް ކޮށެވެ. ޝަރީއަތުގެ މަޖިލީހުގައި ޓެރަންޓް އެއްވެސް ވާހަކައެއް ދައްކާފައި ނުވި ނަމަވެސް، އޭނާގެ ވަކީލުންގެ ޓީމުން ވަނީ ދައުވާތަކަށް ޓެރަންޓް އިންކާރު ކުރާކަމަށް ބުނެފައެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ދިން ބަޑީގެ ހަމަލާ އަމާޒުވި އަންހެނަކު އެ ސަރަހައްދަށް ވެއްޓިފައި/ފޮޓޯ: ޑެއިލީ ނިއުސް

ދައުވާތަކަށް ޓެރަންޓް އިންކާރު ކުރާކަމަށް ވަކީލުން ބުނުމާއެކު ޓެރަންޓް ވަނީ "ނުބައި ފާޑަކަށް" ހިނިތުން ވެފައި ވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ. ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދިޔައިރު ޓެރަންޓްގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ އާއިލާތަކުންވެސް ކޯޓަށް ހާޒިރުވެ ތިއްބެވެ. ދައުވާތަކަށް ޓެރަންޓް އިންކާރު ކުރާ ވަހަކަ ބުނުމުން، އާއިލާގެ މެމްބަރުންގެ މޫނު މަތިންވެސް ހައިރާންކަން ފެނުނު ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.

ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔައިރު މީޑިއާތަކުން ޓެރަންޓްގެ މަންޒަރުތައް ފޮޓޯ ނަގާ، ރެކޯޑްކޮށް ހެދުން އޮތީ، ފަނޑިޔާރުގެ އަމުރަކަށް މަނާކޮށްފައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށްމާޗް 15 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ބްރެންޓޮން ޓެރަންޓް/ފޮޓޯ: ހެރާލްޑް ސަން

ހައިކޯޓުގެ ފަނޑިޔާރު ކެމެރަން މެންޑާ ވިދާޅުވީ މިމައްސަލައިގެ ރަސްމީ ޝަރީއަތް ކުރިއަށް ދާނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުކަމަށެވެ. ނަމަވެސް ޓެރަންޓް ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަމަށް ވާއިރު، މިމައްސަލައިގެ މުރާޖައާ އަޑުއެހުމެއް އެދުވަހަށް ވަނީ ތާވަލު ކޮށްފައެވެ.