ތުރުކީން ހަދިޔާކުރި، މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރާއްޖެ ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަނަވަރު ރާއްޖެ ގެނެސްފައިވަނީ ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއާ" އަކަށް ލައިގެންނެވެ.
ތުރުކީން ހަދިޔާކުރި މި މަނަވަރަކީ ތުރުކީގައި މީގެ ކުރިން ބޭނުން ކުރި ޑޯގަން ކްލާސްގެ މަނަވަރެކެވެ. ޑޯގަން ކްލާސް މަނަވަރުތަކުގައި މިސައިލް ފޮނުވާލެވޭ ގޮތަށާއި ބޮޑުބަޑި ބޭނުން ކުރެވޭގޮތަށް ހުރެއެވެ. އަދި ރާޑަރު ސިސްޓަމްތަކާއި އެހެނިހެން ސަވައިލަންސް އާލާތްތައް ވެސް ހުރެއެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ޑިފެންސް މިނިސްޓްރީން ވަނީ މަނަވަރު ރާއްޖެ ގެނެސް ދިފާއީ ބާރުގެ ހިދުމަތަށް ނެރެ ބޭނުން ކުރަން ފެށުމަށްޓަކައި ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނު ތުރުކީވިލާތުގައި މިދިޔަ އޭޕްރީލް އަދި މޭ މަހު ހިންގާފައިވާ ކަމަށް ބުނެފައެވެ.
ރާއްޖެއަށް ދޭ ޑޯގަން ކްލާސް ބޯޓަކީ 1981 ގައި ތުރުކީ ސިފައިން ބޭނުން ކޮށް، ރަސްމީ އޮޕަރޭޝަންތަކުން ވަކިކުރުމަށް ފަހު، 2024 ގައި ޓްރެއިނިން ހެދުމަށް ބޭނުން ކުރަމުން އައި އުޅަނދެކެވެ. ޖަރުމަނުގައި ބަނދެފައި ވާ މި އުޅަނދަކީ 58.1 މީޓަރު ދިގު ގަޑިއަކު 30 ނޮޓް ކަޑައްތު ކުރާ ޑީސެލް އުޅަނދެކެވެ. ޑީސަލް 4 އިންޖީން ހުންނަ މި އުޅަނދުގައި ހާޕޫން މިސައިލް ސިސްޓަމްގެ 2 މިސައިލް އެއްފަހަރާ ފޮނުވާލެވޭނެ ގޮތަށް ހުރިއިރު، އޮޓޯ ބޮޑު ބަޑިއެއްގެ އިތުރުން އެއާ ޑިފެންސް ގަން އާއި 2 މެޝިން ގަންވެސް އެކުލެވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އަގު ދީފައި މީގެ ކުރިން ޑްރޯން ގެނެސްފައި ވެއެވެ. 2 ޑްރޯނެއް ރާއްޖެ ގެނައި އިރު އެތަކެތި ގަނެފައި ވަނީވެސް ތުރުކީންނެވެ.