ހއ. ދިއްދޫގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަނުޖެހުން ހިންގައި ދިއްދޫ ފްޓްސަލް ދަނޑު ހަލާކުކޮށްލި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ބަލަން ފަށާފައި ވަނީ މުދަލައް ގެއްލުން ދީފައިވާތީ ކަމަށާ މި މައްސަލަ ބަލަން ފެށީ ފުލުހުންގެ އިސްނެގުމުގެ މަތިން ކަމަށެވެ.
ފުލުހުން ބުނީ، އެރަށު ކައުންސިލުން ކުރިއަށް ގެންދާ ކްލަބް ޖަމިއްޔާތަކުގެ ފުޓްސަލް މުބާރާތުގައި ކުޅުނު މެޗެއްގައި ދެ ޓީމްގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ދެ ޓީމްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑުގެ މެޓްތަކާއި މުބާރާތަށް ގެނެސްފައިވާ ގޮނޑިތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ތަނުގެ މައްސަލަތައް ބަލާ ހަމަނުޖެހުން ކޮންޓްރޯލް ކޮށް ދެ ޓީމްގެ މެންބަރުންނާ ވާހަކަ ދައްކާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ފުލުހުން ބުނީ ކައުންސިލާ ވާހަކަ ދައްކައިގެން އެ މެޗަށް ގޮތެއް ނިންމުމަށް އެދިފައިވާނެ ކަމަށާއި މި މައްސަލައާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގުމަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި ދަނޑުގައި ސެކިއުރިޓީ ބަލަހައްޓާފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.