ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެނީ އެކަށީގެން ނުވާ ބޮޑު އިނާޔަތެއް ކަމުން އިނާޔަތް ކުޑަކޮށްލަން ކެރޭނެތޯ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސުވާލު އުފައްދަވައިފިއެވެ.

އަލީ ނިޒާރު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި ރައީސް ނަޝީދަށް ވުރެ ބޮޑު އިނާޔަތެއް ރައީސް މައުމޫނަށް ލިބޭ ގޮތަށް އޭރު ޑީއާރުޕީ އިން ފާސްކޮށްފައި ވާކަމަށެވެ.

ނިޒާރު ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް، ކުރީގެ ރައީސުންނަށް ދައުލަތުން ހަރަދު ކުރާ މިންވަރު އެނގިވަޑައިގަންނަވާތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މަހަކު ތިން ލައްކަ ފަންސާސްހާސް ރުފިޔާ ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ދިނުމަށް ހަރަދު ކުރާކަން އެގިވަޑައިގަންނަވާތޯ ވިދާޅުވެ ވަނީ ސަލީމާ ސުވާލު ކުރިމަތި ކުރައްވާފައެވެ.

އަލީ ނިޒާރު މިކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައި ވަނީ ކުރީގެ ނައިބު ރައީސުންނާއި ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތް ދިނުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ސަލީމް މަޖިލީހުގައި ވާހަކަ ދައްކަވަމުން މި ކަމަކީ ދައުލަތުގެ ބަޖެޓު ލޫޓުވާލުމަށް ހުށަހެޅި ބެލެއް ކަމަށް ވިދާޅުވުމުން އެވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ. ސަލީމް ވިދާޅުވެފައި ވަނީ މި ދެބިލު ފާސްކޮށް ރައީސް އަރިހަށް ތަސްދީގަށް ފޮނުވުމަކީ ކުރީގެ މަޖިލީހުން ހިންގާފައިވާ އެންމެ ޒިންމާދާރުކަން ކުޑަ އަމަލު ކަމަށެވެ.

ނިޒާރު ވަނީ ކުރީގެ ރައީސުންނަށް ދައުލަތުން ހަރަދުކުރާ ތިންލައްކަ ފަންސާސްހާސް ރުފިޔާ ގިނަ ކަމަށް ފާހަގަ ނުކުރެވޭނަމަ، ސަލީމް މިކަމާ ގުޅޭގޮތުން ވިދާޅުވާ ވާހަކަ ތަކަކީ "ސިޔާސީ އަންބޮނޑި" އަށް އިތުރުކޮށްލާ ބަސްކޮޅެއް ކަމަށެވެ.

ކުރީގެ ރައީސުން އެހެން މަގާމުތަކާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް އިނާޔަތް ލިބޭގޮތަށް އޮންނަ އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ނިޒާރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.