17 އަހަރުގެ އަންހެން ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާ ކުރާކަމަށް ބުނެ އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ފުލުހަށް ހާޒިރުވެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެެވެ.

އަދި އެ ކުއްޖާއަށް އެހެން މީހެއްގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އެކުއްޖާ ބެލި ޑޮކްޓަރު ބުނެފައި ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ވާކަމަށާ އެ ކުއްޖާ އަކީ ނަފްސާނީ ބައްޔެއް ހުންނަ ކުއްޖެއް ކަމަށެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ކޮން ރަށަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ ފިޒިކަލް އެސަލްޓް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ދާދި ފަހުން ވަނީ 9 އަހަރުގެ ކުއްޖަކަށް އޭނާގެ މަންމަގެ ލޯބިވެރިޔާ އާއި ބޮޑަށް ތިބޭ ދެ ބޭބެ ޖިންސީ ގޯނާ ކޮށްގެން ފުލުހުންނަށް ހުށަހަޅާފައެވެ. މިމައްސަލައާ ގުޅިގެން ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 70 އަހަރަށް ވުރެ ދޮށީ އެކުއްޖާާގެ މަންމަގެ ލޯބިވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށެ ގެންގޮސްފައެވެ.