އުސޫލު މުރާޖާކޮށް އަލުން ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ހުޅުވާލައިފިއެވެ.

ލޯނަށް އެދުމުގެ ފުރުސަތު އޮންލައިން ކޮށްވެސް ވަނީ ހުޅުވާލައިފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮންލައިންކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ ވީހާވެސް ގިނަ ކުދިންތަކަކަށަ އެއްފަހަރާ ފޯމު ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މިދިޔަ ފަހަރާ ހިލާފަށް މިފަހަރު ފޯމަށް އެދޭ ފަރާތްތަކުން ބޭނުން ގައުމެއްގައި ތިބެގެން ތައުލީމް ހާސިލް ކުރުމަށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ފަހަރު ލޯނަށް އެދުމަށް ހުޅުވާލުމުން އެ މިނިސްޓްރީން ފުރުސަތު ދީފައި ނުވާ އެހެން ގިނަ ގައުމުތަކަކުން ތައުލީމް ހާސިލް ކުރުމަށް ދަރިވަރުން ފޯމު ހުށަހަޅާފައި ވާކަމަށެވެ.

މިފަހަރު ލޯނަށް އެދުމުގެ ފޯމު ހުށަހެޅުމުގައި ލިޔުން ތަކުގައި ޖަހަންޖެހޭ ތައްގަނޑުތައް ހަމަކުރުމަށާ، އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަންޖެހޭ ސައްހަ ލިޔެކިޔުންތައް ހުށަހެޅުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަލުން ލޯނަށް އެދުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފައި ވަނީ އެމިނިސްޓްރީން ފުރަތަމަ ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކަކުން ފޯމު ފުރުމުގައި ޖެހިފައިވާ މައްސަލަތަކަކުން އެ ފޯމްތައް އަލުން ބާތިލް ކުރަން ޖެހުމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.