13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޓެންޑާ ބޯޑަށް މިއަދު ފޮނުވާފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތް އެންޑް ސޕޯޓްސް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ، ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޓެންޑާ ބޯޑަށް މިއަދު ފޮނުވި 13 ރަށުގެ ތެރޭގައި، ރ. އަލިފުށި، ފ. ނިލަންދޫ، ށ. ފޭދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫގެ އިތުރުން ލ. ގަން ހިމެނެއެވެ. އަދި ޅ. ހިންނަވަރު، ނ. ހޮޅުދޫ، ހއ. ދިއްދޫ، އދ. މާމިގިލީގެ އިތުރުން، ހދ. ނެއްލައިދޫ އަދި ނ. ކެނޑިކުޅުދޫ ވެސް ހިމެނެއެވެ.

13 ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޓެންޑާ ބޯޑަށް މިއަދު ފޮނުވާފައި ވާއިރު، ފުޓްބޯޅަ ދަނޑު އަޅާނެ އިތުރު 11 ރަށެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ދަ ޕްރެސްއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ ފުޓްސަލްގެ ސަބަބުން ފުޓްބޯޅައަށް ވަރަށް ނޭދެވޭ އަސަރެއް ކުރަމުން ދާކަމަށާ މި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ތެރޭގައި ފުޓްސަލްގެ ބަދަލުގައި ފުޓްބޯޅަ ދިރުވުން ކަމަށް ވިދާޅުވެފައެވެ. އަދި ނިމިދިޔަ ސަރުކާރުގައި ފުޓްބޯޅައަށް އަހަންމިއްޔަތުކަން ދީފައި ނުވުމުގެ ސަބަބުން ފުޓްބޯޅަ ދަނޑުތައް ވިނަވެ ހަލާކުވެފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ހަލާކުވެފައި ވާ ފުޓްބޯޅަ ދަނޑުތައް އިތުރަށް މަރާމާތު ކުރައްވާނޭ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި 100 ފުޓްބޯޅަ ދަނޑު އެޅުން ކަމަށާ މި ދަނޑުތައް ބެލެހެއްޓުމަކީ އުދަނގޫ ކަމަކަށް ވެދާނެތީ ދަނޑުތައް ތަރައްގީ ކުރާނީ ޓާފް އަޅުއްވައިގެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ ފުޓްބޯޅަ ދަނޑުގެ ބަދަލުގައި ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑު އަޅާނެ ކަމަށް ބުނެފައެވެ. އަދި ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑު އަޅައި އެތަންތަނުގެ ބޭނުން ވެސް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމަށް މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ވަރަށް ގިނަ ފާޑު ކިއުންތަކެއް ވަނީ އަމާޒު ކޮށްފައެވެ.