ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ހުއްދަ ދީފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަރެކްޝަންސް އިން އެ ހުއްދަ ދީފައިވާ ކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް އަންގާފައިވާ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު އައިކެއާއަށް އަދީބު ދެއްކުމުން ދީފައިވާ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެކެވެ. ލިޔުމުގައިވާ ގޮތުން، ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދައްކަން ވަނީ އަންގާފައެވެ.
އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައި ވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީއެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފައެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ކުރީގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އޭރު ސަރުކާރުން ބުނީ އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ވަނީ ފޮނުވާލާފައެވެ.
ޓެރަރިޒަމާއި، ކޮރަޕްޝަން ގެ މައްސަލަތަކާ ގުޅިގެން އަދީބުގެ މައްޗަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް އިއްވިއެވެ. އެހުރިހާ ހުކުމެއް މިހާރު ވަނީ ބާތިލު ކޮށްފައެވެ.