މާލޭ މަގުމަތީގައި އަންހެނަކާ ފޮށުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭ މަގުމަތީގައި އަންހެނަކާ ފޮށުނު މައްސަލައި ތުހުމަތުކުރެވޭ ފަރާތް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ މުއްދަތު ދީފައި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓްވިޓާގައި އާންމުވި ވީޑިއޯގައި، މަގުމަތިން މެދު އުމުރުގެ ފިރިހެނެއް އަންހެނަކާ ފޮށި ފުރައްސާރަ ކުރާ މަންޒަރު ފެނި ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިގެން ދިޔައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އެ މީހާ މިހާރު ހައްޔަރު ކޮށްފައިވީ ނަމަވެސް، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 56 އަހަރުގެ ފިރިހެނެއް ކަމަށާއި، މި މައްސަލައިގައި ޝާމިލްވާ ފިރިހެން މީހާ އިތުރު އަންހެން ކުދިންނާ ވެސް މިގޮތަށް ފުރައްސާރަ ކޮށްފައިވާ ކަން ފާހަގަ ކުރެވިފައި ވާ ކަމަށް ފުލުހުނެ ބުނެފައި ވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން 3000600 އަށް ނުވަތަ 9790163 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައި ވެސް ވެއެވެ.

މި ހާދިސާއާ، ގުޅިގެން އެ އަންހެން މީހާ ބުނީ މިއީ މިހާރު ރާއްޖޭގައި އާންމު ކަމެއް ކަމަށާއި، ޒުވާން ގިނަ އަންހެން ކުދިންނަށް އެކަނި މަގުމަތިން ހިނގާފައި ދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި މިފަދަ މަންޒަރުތައް ފެނުނު ކަމުގައި ވިޔަސް، މަގުމަތީގައި ތިބޭ މީހުންގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ ކަމަށާއި، އެމީހުން ވެސް ތިބެނީ މަންޒަރު ބަލަން ކަމަށް އޭނާ ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އާމިނަތު ނާދިރާ ވަނީ އެ ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ހިތްވަރުގަދަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާން އަންހެން ކުދިންނަށް ފުރައްސާރަ ކުރާ މިފަދަ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ކަމާބެހޭ ފަރާތުން އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.