އަންނަ އަހަރު ތެރޭގައި ރައްޔިތުންނަށް އަމިއްލަ ބިލް ރިއަލް ޓައިމްކޮށް ބެލޭނެ ނިޒާމެއް ހަމަޖައްސާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގް ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، ރައްޔިތުންނަށް ރިއަލް ޓައިމްކޮށް ބިލު ބެލޭނެ ނިޒާމް ހަމަޖައްސަން އަންނަ އަހަރަށް ޕްލޭން ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ހިދުމަތް ރައްޔިތުންނަށް ލިބިގެން ދާނީ ސްމާޓް މީޓަރެއްގެ އެހީގައި އިންޓަނެޓް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އަންނަ އަހަރު ތެރޭގައި ޕްރީޕެއިޑްގެ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް މުޣޫނީ ވިދާޅުވިއެވެ. މި ހިދުމަތުގެ ތެރޭގައި ވަކި ވަރަކަށް ބިލު ބޮޑުވުމުން ރައްޔިތު މީހާ އަށް އެ ބިލުގެ ނޮޓިފިކޭޝަނެއް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހިދުމަތް ތައާރަފް ކުރުމުން ކަސްޓަމަރުންނަށް އެ މީހެއްގެ ބިލު ބޭނުން ކުރެވެމުންދާ މިންވަރު އެނގިގެން ދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ މެދުވެރިކޮށް ގިނަ ކުރި އެރުންތަކެއް ސްޓެލްކޯއިން ދޭ ހިދްމަތްތަކުގެ ތެރެއަށް ގެނައުމަށް ޕްލޭން ކުރެވިފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތައް ގިނަވަމުން ދާތީ އެ ކުންފުނިން މައުލޫމާތު ދިނުމަށް މިއަދު ވަނީ ނޫސްވެރިންނަށް ހާއްސަ ބައްދަލުވުމެއް ސްޓެލްކޯގައި ބާއްވާފައެވެ.
ކަރަންޓުގެ އަގު މިހާރަށް ވުރެ ކުޑަ ކުރެވޭނީ ކިހިނެއްތޯ ސުވާލު އުފައްދަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓާ ވިދާޅުވީ، ސަރުކާރުން ވެސް ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް ކަރަންޓު ކުޑަކޮށް ދިނުމަށް ކަމަށެވެ. މިހާރުވެސް ސަރުކާރުން އެއް ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައި ވަނީ ރައްޔިތުންނަށް ކަރަންޓު އަގު ހެޔޮ ކޮށްދިނުމަށް ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި އެ ކުންފުނީގެ ވިސްނުން ހުރީ އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓަށް ހޭދަ ކުރެވޭ މިންވަރާއި އަގުތައް ކުޑަ ކުރުމަށް ކަމަށް މުޣުނީ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯއިން ބުނީ، މި އަހަރުގެ މާޗް، އެޕްރިލް، އަދި މެއި މި ތިން މަހުގެ ތެރޭގައި ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ ޕްރޮޑަކްޝަން ސްޓެޓިސްޓިކްސްއިން ދައްކާ ކަމަށެވެ. އަދި ރޯދަ މަަހަކީވެސް ކޮންމެ އަހަރެއްގެ ވެސް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވާކަން ފާހަގަ ކުރެވޭ ދުވަސްވަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގެ ތެރެއަށް ރޯދަމަހުގެ ބައެއް ހިމެނިގެން ދިޔުމަކީ ނިމިދިޔަ މަހުގެ ބިލު ބޮޑުވެ އެކަމުގެ ގިނަ ޝަކުވާތައް ގިނަ ވެފައިވާ ސަބަބެއް ކަމުގައި މުޣުނީ ފާހަގަކުރެއްވިއެވެ.