މި އަހަރުގެ ހޫނު މޫސުމުގެ ތެރެއަށް ރޯދަ މަސް ވަނުމުގެ ސަބަބުން ކަރަންޓު ބިލުތައް ބޮޑުވެ ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރު އިތުރުވެގެން ގޮސްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ކުންފުނީގެ ރިކޯޑްތައް ދައްކާ ގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރެވެނީ ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރީލް އަދި މެއި މަހުގައި ކަމަށެވެ. ދެން އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވޭ މަހެއްގެ ގޮތުގައި މުޣުނީ ފާހަގަކުރެއްވީ ރޯދަ މަސް ކަމުގައެވެ. އެގޮތުން މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގެ ތެރެއަށް ރޯދަމަހުގެ ބައެއް ހިމެނިގެން ދިޔުމަކީ ނިމިދިޔަ މަހުގެ ބިލު ބޮޑުވެ އެކަމުގެ ގިނަ ޝަކުވާތައް ގިނަ ވެފައިވާ ސަބަބެއް ކަމުގައި މުޣުނީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ރެކޯޑްސަތައް ދައްކަނީ މާޗް، އޭޕްރީލް މެއި މަހުގެ ކަރަންޓު އެންމެ ގިނައިން ބޭނުން ކުރެވެނީ. މީގެ އިތުންވެސް ބޭނުން ކުރާ މަހެއް އެބައޮތް. އެއީ ރޯދަ މަސް. އެކި އަހަރުތަކުގެ އެކި މަސްތަކަށް ރޯދަ މަސް މި އަންނަނީ. ރޯދަމަހުގެ އެއްބައި އައިސްފި މިދިޔަ މަހުގެ ބިލަށް. އަނެއްބައި އަންނާނީ ކުރިއަށް އޮތް ބިލަށް"
ސްޓޭލްކޯގެ މެނޭޖިންގް ޑިރެކްޓާ ހަސަން މަޣުނީ

މީގެ އިތުރުން މުޣުނީ ވިދާޅުވީ، ދިވެހިންގެ ތެރޭގައި ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހެއް އިތުރުވަމުން ދާއިރު ބޭނުންކުރާ ސާމާނު އިތުރުވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދާއިރު ބިލުތައްވެސް ބޮޑުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފަހަކަށް އައިސް ކަރަންޓު ބިލު ބޮޑުވަމުން ދާ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަން ފާހަގަ ކުރައްވަމުން މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ބިލު ކުރަނީ ހަގީގަތުގައި މީޓަރުތަކަށް ބަލައިގެން ކަމަށާއި، ސްޓެލްކޯއިން ބަހައްޓާފައިވާ މީޓަރުތަކަކީ ޓެމްޕާ ޕްރޫފް އެއްޗެއް ކަމަށެވެ. ޓެމްޕާ ޕްރޫފް މީޓާ ތަކަކަށް ވުމުން އޭގެ ސެކިއުރިޓީ ފަންކްޝަން ވަރުގަދަވެފައި ސްޓެލްކޯއަށާއި މީޓަރު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް އެއާ ނުކުޅެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ކަރަންޓުގެ ޔުނިޓުގެ އަގުތަކަށް ބަދަލު އައިސްފައި ނުވާއިރު އެ ރޭޓްތައް ހަމަޖައްސަވާފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ކަމަށާއި އަދި ސްޓެލްކޯއިން ބިލްތައް ތައްޔާރު ކުރަނީ އެ ރޭޓްތަކަށް ކަަމަށް މުޣުނީގެ ވާހަކައިގައި އަލި އަޅުއްވާލިއެވެ.

"އެ ރޭޓްތައް ހަދަމުން މިގެންދަނީ ސަރުކާރުގެ މިނިސްޓްރީއަކުން. އެއީ އެންވަޔަރަމަންޓް މިނިސްޓްރީން ހަދާ ރޭޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން ގޭގެއަށް މި ބިލުތައް މި ފޮނުވަނީ."
ހަސަން މުޣުނީ

ބިލުތައް ބޮޑުވުމުގެ ސަބަބުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސްޕެސިފިކް ކޭސްއެއް ގޮތަށް ޝަކުވާ ހުށަހެޅުމުން އެ ބިލަށް ސްޓެލްކޯއިން އެޓެންޑް ކުރާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ. އަދި އެ ގެއަކަށް ދާން ޖެހިއްޖެ ކަމަށްވާނަމަ އެގެއަކަށް ގޮސް ކަރަންޓު ބޭނުންކުރާ ނިސްބަތާއި އިތުރު މައްސަލައެއް ހުރިތޯ ބަލައިދޭނަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބިލުތަކާ ބެހޭ ޝަކުވާތައް ހުށަހަޅަން ބޭނުންވެއްޖެ ނަމަ ހުށަހެޅޭނެ ނިޒާމް ގާއިމްކޮށްފައި ވާނެކަމަށްވެސް މުޣުނީ ފާހަގަކުރެއވިއެވެ.

ސްޓެލްކޯގައި މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ސަރުކާރުން ކަރަންޓަށް ގެނައި ބަދަލަށް ބަލާލާއިރު، އެންމެ ބޮޑަށް އަލި އަލުވާލާފައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ އަގުތައް އެއް ހަމައަކަށް ގެނައުމަށެވެ. އެގޮތުން ސްޓެލްކޯއިން ވަނީ ތިންކަމެއް ކޮށްފައެވެ. ފުރަތަމަ ކަމަކީ ޑޮމެސްޓިކް ޓެރިފް މުޅި ރާއްޖޭގައި އެއްހަމަ ކުރުމެވެ. ދެވަނަ ކަމަކީ ބިޒްނަސް ޓެރިފްގެ ގޮތުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ދެމުންދާ ޓެރިފްގެ އެކި ސްޓަރަކްޗާތައް ނައްތާލައި، ގްރޭޓާ މާލެ ރީޖަން ފިޔަވާ އެހެން ހުރިހާ ތަނެއް އެއް ސްޓްރަކްޗާއެއްގެ ދަށަށް ގެނައުމެވެ. ތިން ވަނަ ކަމަކީ ކުރިން ސަރުކާރުން ޑީސަލް އިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކަނޑާލުމާ ގުޅިގެން ރިޑަކްޝަން ކަސްޓަމަރުންނަށް ފިއުލް ޑިސްކައުންޓެއް ގޮތުގައި ދިނުން ހިމެނެއެވެ.

ޑޮމެސްޓިކް ޓެރިފް މުޅި ރާއްޖޭގެ އެއްހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދު މާލެއާ އެއްހަމައަކަށް ގެނެސްފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެއިތުރުން ބިޒްނަސް ޓެރިފްގެ ގޮތުގައި މާލޭގެ ބޭރުން އެންމެ އަގުތައް ދަށްކޮށް ހުރި އައްޑޫ އާއި ފުވައްމުލަކުގެ އަގުތަކާއި އެއްހަމައަށް އެހެނިހެން ރަށްރަށުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަގުތައް ގެނެސްފައިވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ފިއުލް ޑިސްކައުންޓެއްގެ ގޮތުގައި މިހާރު ކޮންމެ ކަސްޓަމަރެއްގެ އަތުން ކަރަންޓު ބޭނުންކޮށްފައިވާ ކޮންމެ ޔުނުޓަކަށް 12 ލާރީގެ ނިސްބަތުން ޑިސްކައުންޓެއް ދީފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.