މާދަމާ ރެއިން ފެށިގެން ވިޔަފާރި ކުރާ ފިހާރަތައް ރޭގަނޑު 11 ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭ ގަޑި މާދަމާ އިން ފެށިގެން އޮންނާނީ ކުރިއެކޭ އެއް ގޮތަށް ކަމަށެވެ. އެގޮތުން ފިހާރަތައް ހުޅުވިފައި ހުންނާނީ ރޭގަނޑު 11:00 ޖަހަން ދެނެވެ. އަދި ކެފޭ، ރެސްޓޯރެންޓުތައް ހުޅުވިފައި ހުންނާނީ ދަންވަރު 01:00 އާ ހަމައަށެވެ.

ރޯދަމަހާ ދިމާކޮށް އެ މިނިސްޓްރީން ބުނެފައިވަނީ ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމުގައެވެ. އަދި ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއުންބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.