ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޖަޒިރާ ވަންތަަކަމުގެ ފުރަތަމަ ސިފައަކީ ދީނަށާއި ރަސޫލާއަށް ހަޖޫ ޖެހުންތޯ، ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.
ސަރުކާރަށް ރައްދުވާ ގޮތަށް އަދުރޭ ސުވާލު އުފައްދަވާ ޓްވީޓު ކުރައްވާފައި މިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން މިމަހުގެ 8 ވަނަ ދުވަހުގެ މަޣުރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތެއްގާ ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވާތީއެވެ. މިކަމާ އަދުރޭގެ އިތުރުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވެފައި ވަނީ މޯދީ ތަގުރީރު ދެއްވާ ގަޑި 8 ވަނަ ދުވަހުގެ 6:45 އަކަށް ހަދާފައި ވަނީ މޯދީ އަށް އިތުރު ވަގުތެއްގައި ތަގުރީރު ދެއްވެން ނެތީމައި ކަމަށެވެ.
އަދި ޔޫތް މިނިސްޓަރު މަހުލޫފް ވަނީ މޯދީ ދެއްވުމަށް ހަމަޖެހިފައިވާ ތަގުރީރު އަޑު އެއްސުވުމުގެ އިތުރުން އެދުވަހުގެ މަޣުރިބް ނަމާދާއި އިޝާ ނަމާދު މެންބަރުންނަށް ކުރެއްވޭނެ ކަމަށް ވިދާޅުވެ ބައެއް އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވާފައެވެ.
ޖަޒީރާ ވަންތަކަމުގެ ދެވަނަ ސިފައަކީ ގައުމުގެ މިނިވަން ކަމާ އިސްތިގުލާލް ނަގާލުންތޯ ވިދާޅުވެ އަދުރޭ ދެވަނަ ސުވާލެއްވެސް ސަރުކާރަށް އަމާޒު ކުރެއްވިއެވެ. އަދުރޭ އިޝާރާތް ކުރައްވަނީ ރާއްޖޭގައި އިންޑިއާ ސިފައިން މިހާރުވެސް ތިބި ތިބުމާއި، ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އަސްކަރިއްޔާގެ ހަރަކާތްތައް އިތުރު ކުރާނެ ކަމަށް އިދިކޮޅުން ކުރާ ތުހުމަތަށެވެ.
އަދުރޭގެ 3 ވަނަ ސުވާލަކީ ޖަޒީރާ ވަންތަކަމުގެ 3 ވަނަ ސިފައަކީ އަމިއްލަ ވެރިކަން ދެމެހެއްޓުމަށްޓަކައި ގައުމު ވިއްކާލުންތޯ އައްސަވާ ކުރައްވާ ސުވާލެވެ. އަދުރޭގެ މި ސުވާލުގެ އަމާޒަކީ ރާއްޖޭގެ ކޮންމެވެސް ރަށެއް އިންޑިއާއަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަތައް އޮޅުން ފިލުއްވުން ކަމށް ބެލެވެއެވެ.
އަދުރޭ އަކީ އިދިކޮޅު ޕީއެންސީގެ ރައީސް ކަމުގައި ވެފައި އިދިކޮޅު ހަރަކާތުގެ އިސް އެއް ފަރާތަށް ވާއިރު، ސަރުކާރު ޒިންމާދާރު ކުރުވުމުގައި އިދިކޮޅުގެ ދައުރު ވަރަށް ކުޑަކަމަށް ގިނަ ބަޔަކު ދަނީ ބުނެ ފާޑުކިޔަމުންނެވެ.
ބުރޯ މިހާރު ދީން ނުވިކޭ. 2019