އޯކާ މީޑިއާ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2019 ފެއާގެ ޓައިޓަލް ސްޕޮންސާއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި މަހުގެ 11 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓީޓީއެމް ފެއާގައި 300 އަށް ވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން، ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިންގް ޑައިރެކްޓާ، އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، ޓީޓއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން ކަމަށެވެ. އަދި ޑިިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ، ޑރ. ހުސެން ސަނީ އުމަރު ވިދާޅުވީ، ގައުމުގެ އިގްތިސާދީ އަމާޒުތަކާއި، ފުއްދުންތެރިކަން އިތުރު ކުރުމުގައި އުރީދޫ އަކީ އަބަދުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ، އުފެއްދުންތެރި ބްރޭންޑެއް ކަމަށެވެ. އަދި އުރީދޫ އަކީ އޯކާ މީޑިއާ ގްރޫޕާއި އެއްފަދައިން، 2025 ގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެއުމަށް ޓުއަރިޒަމްގެ ސިނާއަތަށް އެކިގޮތްގޮތުން އެއްބާރުލުން ދެމުންދާ ކުންފުންޏެއް ކަމަށް ސަނީ ވިދާޅުވިއެވެ.
ޓީޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަގްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާ އެކު ގުޅުވާލަ ދިނުމަށް ކުރިއަށް ގެންދާ ޕްލެޓްފޯމެކެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށްދޭ، ކޮންމެހެން ވެސް ބައިވެރިވުން މުހިއްމު ބީ.ޓު.ބީ އިވެންޓެކެވެ.