އަތޮޅުތެރޭގެ ރަށެއްގައި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައި ވަނީ ބަންދުގެ މުއްދަތު ހަމަވަމުން ދާތީ އޭނާ ކޯޓަށް ހާޒިރު ކުރުމުންނެވެ. އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ފުރަތަމަ ޖަހާފައި ވަނީ މިދިޔަ މަހުގެ 21 ވަަނަ ދުވަހުއެވެ.

މިމީހާގެ އިތުރުން 9 އަހަރުގެ ކުޑަ އަންހެން ކުއްޖާގެ ދެ ބޭބެއިން އޭނާއަށް ޖިންސީ އަނިޔާ ކުރިކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. މި ދެކުދިންނަކީ އުމުރުން 13 އަހަރާއި 16 އަހަރުގެ ދެ ކުދިންނެވެ. ފުލުހުން ބުނީ މި މަހު 10 ވަަނަ ދުވަހުގެ ރޭ 10:40 ހާއިރު އުމުރުން 9 އަހަރުގެ ކުޑަ އަންހެން ކުއްޖަަކަށް ޖިންސީ ހާނިއްކަ ލިބޭ ކަމަށް އަތޮޅު ތެރެއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައ ފުލުހުން ހައްޔަރު ކުރީ މި ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބި ވެރިޔާކަމަށް ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ބުނަމުން ދެއެވެ.

ފުލުހުން ދަނީ މި މައްސަލަ ފެމިލީ، ޗައިލްޑް، އެންޑް ސޯޝަލް ސާވިސަސް ސެންޓަރާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.