އިއްޔެ މާލޭގައި ހިންގި މާރާމާރީއެއްގައި 64 އަހަރުގެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި 32 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޑިސެންބަރު 9، 2025 ވަނަ ދުވަހުގެ 10:05 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކާ، 32 އަހަރުގެ އަންހެނަކަށް ކަމަށެވެ.

މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.