އިންޑިއާގެ ބޯޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް އިންޑިއާއިން ދޭ ހިލޭ އެހީގެ ދަށުން މިއަދުވެސް 3 މަޝްރޫއެއް އިއުލާންކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށާއި، ށ. ފޯކައިދޫއަށް އަދި މާލެ ސިޓީ ކައުންސިލަށް ވަނީ ބޭނުންވާ ބައެއް ތަކެތި ދިނުމަމަށް ނިންމާފައެވެ.
އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ގެ ބެލުމުގެ ދަށުގައި ތިބި ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ ވެހިކަލް ގަތުމަށާ، ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމް ކުރުމަށާ، އަދި މާލެ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީސް އާއި ވެހިކަލް ގަތުމަށް ވަނީ އިންޑިއާގެ ހިލޭ އެހީ ހަމަޖައްސާފައެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގާ ރާއްޖެއަށް 6.9 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދީފައެވެ. އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ދެވަނަ ދައުރު ކާމިޔާކު ކުރެއްވުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ހުސްވި ހަފްތާގައިވެސް ވަނީ ގިނަ މަޝްރޫއުތަކެއް އިއުލާން ކޮށްފައެވެ. ވަކި ވަކިން އިއުލާން ކުރާ މި ހުރިހާ މަޝްރޫއުތަކަކީ އިންޑިއާއިން ދީފައިވާ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ކުރުމަށް ނިންމާ ކަންތައްތަކެވެ.
މިމަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާނެއެވެ. މީގެ އިތުރުންވެސް ބޮޑެތި ކަންތައްތަކެއް އިއުލާނު ކުރާނެ ކަމަށް ހަބަރު ލިބޭ އިރު އެއިން އެއްވެސް ކަމެއްގެ ތަފްސީލެއް ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން ދީފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވަނީ އިންޑިއާ އަދި ރާއްޖޭގެ ގުޅުން ހީނަރުވެފައެވެ. މި ގުޅުން ހީނަރުވެފައި އޮތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ މިގުޅުން ވަރުގަދަ ކޮށްފައެވެ.