އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން ޓީމް ބޮއި ބައި މިލައިދޫ އިން ކާމިޔާބު ކޮށްފިއެވެ.
ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ މެން، ސްޓެލްކޯ ވިމަން، އަދި ޓީމް ވެލައްސަރާއި ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި އެންމެ މޮޅު މަސްވެރިން ވަނީ ހޮވާފައެވެ. ޓީމް ބޮއި ފައިނަލަށް ދަތުރުކޮށްފައިވަނީ މަސްރޭގެ ދެވަނަ ބުރުގައި ބައިވެރިވެފައިވާ ޓީމް އެންޒީ އާއި، ޓީމް މޯލްޑިވް ގޭސް އަދި ޓީމް ފަންރިޔާއާ ވާދަކޮށް އެ ބުރުން ކުރި ހޯދައިގެންނެވެ.
ޓީމް ބޮއި އަކީ މިދިޔަ އަހަރުގެ އުރީދޫ މަސްރޭހުގެ ރަނައަޕް ޓީމް ވެސް މެއެވެ.
މޮޅުވި ޓީމް ބޮއި އަށް 539.65 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ ސްޓެލްކޯ މެންސް ޓީމަށް ލިބިފައިވަނީ 205.85 ޕޮއިންޓެވެ. ހަމައެހެންމެ، ތިންވަނަ ހޯދާފައިވާ ސްޓެލްކޯ ވިމަންސް ޓީމަށް ލިބިފައިވަނީ 95.25 ޕޮއިންޓެވެ.
އުރީދޫ މަސްރޭސް 2019ގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ޓީމް ބޮއި ބައި މިލައިދޫ އެވެ. އެ ޓީމަށް 50،000 ރުފިޔާ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ. އެންމެ ބަރުމަސް ބޭނި ޓީމް ވެލައްސަރުގެ އަމީން ނަމަކަށް ކިޔާ ކެޔޮޅު ބޭނި 7.2 ކިލޯގެ ކަޅުއޮށްފާނައެކެވެ. އފަރާތަށް އިނާމުގެ ގޮތުގައި 5000 ރުފިޔާ ދީފައި ވެއެވެ.
މުބާރާތުގެ ފިރިހެން މަސްވެރިޔާގެ ރަން ވަނަ ހާސިލް ކޮށްފައިވަނީ 24 މަސް ބާނައިގެން ޓީމް ޑީއެސްސީގެ ބައިވެރިއެއް ކަމަށްވާ ޝިޔާޒެވެ. އެ ބައިވެރިޔާއަށް ވެސް 5000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ރަންކޯރި ދީފައި ވެއެވެ. އަދި މުބާރާތުގެ އަންހެން މަސްވެރިޔާއަށް ހޮވިފައިވަނީ 11 މަސް ބާނައިގެން ސްޓްލްކޯ ވިމަންސް ޓީމުން އަމީނާއެވެ. އަމީނާއަށް ވެސް 5000 ރުފިޔާގެ ފައިސާގެ އިނާމާއި ރަންކޯރި ދީފައިވެއެވެ.
ފިތުރު އީދު ފާހަގަކޮށް، ރޭ ކުރިއަށް ގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު؛ ވީޓީވީގެ ސީއީއޯ މުހައްމަދު އާސިފް އަދި އުރީދޫ މޯލްޑިވްސްގެ އެކްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.
ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ، ޖުމްލަ 16 ޓީމެއް މިއަހަރުގެ އުރީދޫ މަސްރޭހުގައި ވާދަކުރިއެވެ. މިގޮތުން، މަސްރޭހުގެ ދިހަ ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން 4 ޓީމެއް ބައިވެރިވެ ހާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދިޔައެވެ.