އުރީދޫ މޯލްޑިވްސް އިން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަލަރަން އަންނަ މަހުގެ 28 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ މި ބަދަލު ގެނެސްފައި ވަނީ މި ދުވުމާ ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި، ދުވުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ. ފާއިތުވި އަހަރު ހުޅުމާލޭގައި ބޭއްވުނު ކަލަރަން އާއި އެއްފަދައިން، އައްޑޫގައި ވެސް ކަލަރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތުން، ހަވީރު ބޭއްވޭ ދުވުމުގެ ކުރިން ހެނދުނު ގަޑީގައި ކައިޓް ފެސްޓިވަލެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދުން ބުނެއެވެ.

އުރީދޫ ކަލާ ރަން އެއްގެ ތެރެއިން / ފޮޓޯ: އުރީދޫ

މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތް ތަކަށް ވެސް ބައިވެރި ވެވޭނެއެވެ. އަދި 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ،އި ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ، ހާއްސަ އިނާމުތަކެއްވެސް ދޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ އިނތިޒާމް ހަމަޖައްސާނެ ކަމަށްވެސް އުރީދުން ބުނެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައިވެރިވުމާއި އެކު، މިދިޔަ މަހު އުރީދޫ ކަލަރަން އައްޑޫ އިއުލާންކޮށްފައި ވަނީ، ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް, އުރީދޫ ކަލަރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އުރީދޫ ކަލަރަންގެ މަގްބޫލުކަން އަހަރުން އަހަރަށް އިތުރުވެ، ރިކޯޑު އަދަދެއްގެ ދުވުންތެރިން ވަނީ މި ދުވުންތަކުގައި ބައިވެރިވެފައެވެ.