ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލްކުރުމާއެކު އޭނާ މިނިވަން ވެއްޖެއެވެ.

އަށް އަހަރު ދުވަހުގެ މި ހުކުމަކީ އެމްއެމްޕީއާރުސީގެ ފަސް މިލިއަން ޑޮލަރުގެ ޗެކެއްގެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ހުކުމެކެވެ. މި ހުކުމް ބާތިލް ކުރުމާއެކު އޭނާވަނީ އެއްކޮށް މިނިވަންވެފައެވެ. އަށް އަހަރުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލްކޮށްފައިވާ އިރު، އޭނާގެ މައްޗަށް އިއްވި ފިސްތޯލު ގެންގުޅުނު މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ އިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އެނާގެ މައްޗަށް އިއްވި ޖަލު ހުކުމް މިދިޔަ ހަފްތާތެރޭގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މިއަދު ހައިކޯޓުން ބާތިލް ކުރި މައްސަލައަކީ މާބިން ހުރާ މައްސަލައިގައި، ކޮރަޕްޝަންގެ ތުހުމަތު ސާބިތުވެގެން އިއްވި ޖަލު ހުކުމެކެވެ. އަދީބުގެ މައްޗަށް މިދިޔަ ސަރުކާރުގައި 33 އަހަރުގެ ޖަލުހުކުމް އިއްވާފައިވެއެވެ. އެއީ ފިސްތޯލު މައްސަލައިގަިއި އިއްވި 10 އަހަރުގެ ޖަލު ހުކުމާއި، ރިޔާސީ ލޯންޗުކޮޅު މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ.

އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް އަށް އަހަރުގެ ޖަލުހުކުމެއް އައި އިރު، މި މައްސަލައިގައި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) އަށް ދެ އަހަރުގެ ޖަލުހުކުމެއް އައެއްވެ.

ހައިކޯޓުން މިއަދު އަދީބުގެ ހުކުމް ބާތިލްކޮށް ނެރުނު ހުކުމްގައި ބުނެފައިވަނީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއާ ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން އިޖްރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމްތައް ކަމަށް ބުނެ އަމުރުގައި އޮތް ބައި ބާތިލް ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެއެވެ.

އެހެންކަމުން އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ހިންގި ޝަރީއަތަކީ ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައިއެވެ. އަދީބުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ބެލުމަށް ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރަޔުއު ތަފާތުވެފައިވަނީ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާގެ އެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވާ ގޮތުން ކުރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅެވެ. އަދި މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ޒިޔަތާއި ހާމިދުގެ ހުކުމް ވެސް ދަމަހައްޓާފައިވާކަން ފާހަގަ ކުރައްވައި، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ޝުއައިބު ރައުޔު ނެރެއްވިއެވެ.

އަދީބު ޖަލުހުކުމްތަކުން މިނިވަންވި ނަމަވެސް، އަދިވެސް އޭނާ ހުންނެވީ ގޭ ބަންދުގައެވެ.