އިންޑިއާގެ ހިލޭ އެހީގެ ދަށުން އިތުރު ދެ ޕްރޮޖެކްޓެއް ފަށަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 15.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ދިވެހި ސަރުކާރާއި ހަވާލުކުރި ދެ މަޝްރޫއު ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެ މިނިސްޓްރީން މިއަދު ނެރުނު ދެ ނޫސްބަޔާނުގައިވާ ގޮތުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 61 ރަށެއްގައި ބެހެއްޓުމަށް އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށާއި، ހޮސްޕިޓަލުތަކުގައާ ހެލްތު ސެންޓަރުތަކުގައި ބޭނުންކުރުމަށް 11 އެމްބިއުލާންސް ގަތުމަށެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސިއްހީ ހިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްބިއުލާންސް ހިދުމަތުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ބޭނުންވާ ފަރުވާ އެކަމަށް ހާއްސަ، ރައްކާތެރި މާހައުލެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ފުރިހަމަ ފަރުވާ ދޭ މަރުކަޒަކަށް އަވަހަށް ވާސިލްވުމަށް މަގުފަހިވެގެންދާނެއެވެ. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ. މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމާފައި ވަނީ 7.7 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ރާއްޖޭގެ 61 ރަށެއްގައި ބެހެއްޓުމަށް އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމުގެ މަގްސަދަކީ ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ނޮން-ކޮމިއުނިކަބަލް ޑިސީސް (ގައިން ގައިން ނާރާ ބަލިތައް) މަދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންފައިވާ ވައުދާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަސްރަތު ކުރެވޭނެ ނިޒާމުތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމާފައި ވަނީ އަށް މިލިއަން ރުފިޔާއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ފަސް ޕްރޮޖެކްޓެއް ފަށާފައެވެ. އެގޮތުން ނ ޅޮހީގައި ހަ ކްލާސްރޫމާއި ރ ކިނޮޅަހުގައި ހަ ކްލާސްރޫމް އެޅުމުގެ ޕްރޮޖެކްޓަށް 1.2 މިލިއަން ރުފިޔާ އަދި ހއ އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ޕްރޮޖެކްޓަށް 8.7 މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި ދ ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ސްކޫލަށް އިންޑިއާ ސަރުކާރުން 7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާއިރު އއ އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އަދި 18 ވަނަ ދުވަހު، އިންޑިއާގެ ފޮރިން މިނިސްޓަރު، ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.