އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖެއިން ފުރަން އުޅުނު ބިދޭސީއެއް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުރަން އުޅެނިކޮށް ހިފަހައްޓާފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އެމީހާގެ އުމުރަކީ ކޮބައި ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީ މީހާ އިމިގްރޭޝަނުން ހިފެހެއްޓީ، ދެމަފިރިންގެ ގޮތުގައި ޗުއްޓީ ހޭދަ ކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަންހެނަކާއެކު ރާއްޖެ އެތެރެވުމަށްފަހު، އަނބިމީހާ ކަމުގައި ބުނި އަންހެން މީހާ ރާއްޖެ ދޫކޮށްލާ އަދި އޭނާގެ ޕާސްޕޯޓު ހިފަައިގެން ފުރަން އުޅުމުންނެވެ.

އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީ މީހާގެ އަނބިމީހާ ކަމަށް ބުނާ އަންހެން މީހާގެ ވެސް މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ދެމީހުން ރާއްޖެ އެތެރެވި ދުވަހެއް އަދި އެ އަަންހެން މީހާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އިމިގްރޭޝަނުން ނުބުނެއެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ބިދޭސީ މީހާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.