އެމްޓީސީސީގެ ފެރީއެއްގައި މަސައްކަތް ކުރާ މީހަކު، ފެރީއިން ދަތުރު ކުރި އަންހެން ކުއްޖަކާ ފޮށުނު މައްސަލަ ތަހުގީގީ ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު އާންމު މީހަކު ވަނީ އެމްޓީސީސީ ފެރީގައި ވަޒީފާއަދާ ކުރާ މީހަކު އޭނާއާ ފޮށުނު ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އެމްޓީސީސީ މުވައްޒަފުގެ ފޮޓޯއާ އެކު، ކޮށްފައިވާ މި ޓްވީޓްގައި އޭނާ ބުނީ، މި މީހާ އޭނާއާ ފޮށިފައިވާ ކަމަށާއި، އޭނާއާ ދިމާލަށް ހަޅޭއްލަވާފައިވާ ކަމަށެވެ.

އެމްޓީސީސީީގެ ޓްވިޓާ އެކައުންޓް ޓެގް ކޮށް ކުރި ޓްވީޓްގައި އޭނާ ބުނީ، މިއޮށް ފަދަ ރޯދަ މަހު ވެސް، ބޭއަދަބީ އަމަލުތައް ނުކޮށް މީހުންނަށް ނުތިބެވޭ ކަމަށެވެ. އަދި މިކަމުގެ ޒިންމާ އެ ކުންފުނިން ނަގަން ޖެހޭނެ ކަމަށާއި، އޭނާއަކީ ކޮންމެ ދުވަހަކު ވެސް ފެރީގެ ހިދުމަތް ބޭނުން ކުރާ މީހެއް ކަމަށް ވުމާއި އެކު މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ޓްވީޓާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޝާހު ވިދާޅުވީ، މި ޓްވީޓް ވަނީ އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު އެމްޓީސީސީން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.