ޖަލުތަކާ ބެހޭ އޮޑިޓް ރިޕޯޓްގައި ދޮގު މައުލޫމާތު ހިމެނޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އިއްޔެ ކޮމިޝަން ފޯ ޕްރިޒަންސް އޯޑިޓްއިން ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އާންމުކޮށްފައިވާ ޖަލުތަކާ ބެހޭ އޮޑިޓް ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތައް އެކުލެވޭ ކަމަށެވެ.

އެގޮތުން، އެޗްއާރްސީއެމް އިން ބުނީ، އެ ކޮމިޝަނުން ބަލަމުންދާ ޓޯޗާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހައި ހައްގުތައް ކަށަވަރުކުރުމަށް މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، މި ރިޕޯޓް އެކުލަވާލުމަށް އެ ކޮމިޝަނުން ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ރިއާޔަތް ނުކޮށް ހަގީގަތާއި ހިލާފު މައުލޫމާތު އެ ރިޕޯޓްގައި ހިމަނައިފައިވާކަމަށެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ބުނީ، ޖަލުތަކާއި ބެހޭ ރިޕޯޓްގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށަހެޅުންތަކަކީ އެ ކޮމިޝަނުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި އެކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރުވެސް އެ ހުށަހެޅުންތައް ތަންފީޒުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.