މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ބޮޑު ހަރަދުކޮށް ލޭންޑިންގ ކްރާފްޓް ގެނައުމަށްފަހު އަނބުރާ ފޮނުވާލި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި މީހާއަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން (އޭސީސީ) އިން ޕުރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް (ޕީޖީ) އަށް ފޮނުވައިފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ލޭންޑިން ކްރާފްޓް ގަނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ، ލޭންޑިން ކްރާފްޓް ގެނައުމުގެ މުއާމަލާތުގެ ކަންކަން ކުރިއަށްދިޔައިރު، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ފަރާތުގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްކައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޝަކުވާގައި ބުނާ ލޭންޑިން ކްރާފްޓް ގަތުމަށް އިންސްޕެކްޝަންއެއް ހެދުމުގެ ޒިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޯޑުން ހަވާލުކޮށްފައިވަނީ އެ ދުވަސްވަރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާއާ ކަން ތަހުގީގަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.
އަދި ލޭންޑިން ކްރާފްޓުގެ އިންސްޕެކްޝަނެއް ހެދުމަށް އެ ދުވަސްވަރު އެމްޕީއެލްގެ އިންޖިނިއަރިން ޑިޕާޓްމަންޓުގެ އިސްވެރިޔާ އާއެކު، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ އިންޑޮނީޝިއާގެ ސަމަރިންޑާއަށް ދަތުރުކުރިކަން މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެދުވަސްވަރު އެމްޕީއެލުން އަމަލުކުރަމުން އައި ޕްރޮކިއުމަންޓް ޕޮލިސީގައި، އެ ކުންފުނިން ހަދާ އެއްބަސްވުންތަކުގައި ހިމަނަންޖެހޭނެކަމަށް ބުނެފައިވާ ބައެއް މާއްދާތައް، ލޭންޑިންގ ކްރާފްޓް ގަތުމުގެ އެއްބަސްވުމުގައި ހިމަނާފައިނުވާ ކަމަށެވެ.
މީގެ އިތުރުން އެމްޕީއެލްއިން އެދުވަސްވަރު އަމަލުކުރަމުންއައި ޕްރޮކިއުމަންޓް ޕޮލިސީގައި، އެމްޕީއެލްއަށް މުދާ ނުވަތަ ހިދުމަތް ހޯދުމަށް ހަދާ އެއްބަސްވުމެއްގައި ހުންނަންޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް އޭސީސީން ބުނެއެވެ. އަދި އެހެންކަމުން، އެ އެއްބަސްވުމަކީ އެމްޕީއެލްއިން އަމަލުކުރަމުންއައި ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް ހަދާފައިވާ އެއްބަސްވުމެއްކަން އެނގޭކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން އެމްޕީއެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ކަމިންސް ބްރޭންޑުގެ އިންޖީނެއް ނޫންކަން އެނގެން އޮތްވާ ވެސް، އެ ލޭންޑިން ކްރާފްޓް ގަތުމަށް އެމްޕީއެލްއިން އެއްބަސްވުން ހަދައި، އެ އެއްބަސްވުމުގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ސޮއިކޮށްފައިވާކަން މި މައްސަލައިގެ ތަހުގީގަށް އެނގޭކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން ލޭންޑިންގް ކްރާފްޓް މާލެ ގެނެސް، އެ އުޅަނދު އެމްޕީއެލްގެ އިންޖިނިއަރިން ޑިޕާޓްމަންޓުން އިންސްޕެކްޓް ކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައި، ލޭންޑިންގ ކްރާފްޓުގެ ކޮންޑިޝަން ރަނގަޅު ނޫން ކަމަށާއި، އެމްޕީއެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްއާ އަސްލު އުޅަނދާ އަޅާބަލާއިރު، ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ. އަދި ހާއްސަކޮށް ޕްރޮފޯމާ އިންވޮއިސްގައި ލޭންޑިން ކްރާފްޓުގައި އަޅާފައިވާނީ ކަމިންސް ބްރޭންޑުގެ 400 ހޯސްޕަވަރުގެ އާ އިންޖީނެއް ކަމަށް ބުނެފައިވީނަމަވެސް، މާލެ ގެނައި ލޭންޑިންގ ކްރާފްޓުގައި އަޅާފައިވަނީ މިޓްސުބިޝީ ބްރޭންޑުގެ 380 ހޯސްޕަވަރުގެ ބާ އިންޖީނެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ޕްރީ ޕާރޗޭސް ކޮންޑިޝަންއާ އަސްލު އުޅަނދާވެސް ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭކަމަށް އޭސީސީން ބުނެފައިވެއެވެ.
ލޭންޑިން ކްރާފްޓަކީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ފަދަ އާ ލޭންޑިންގް ކްރާފްޓެއްކަމަށް ނުވާތީއާއި، ލޭންޑިން ކްރާފްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެމްޕީއެލްގެ އިންސްޕެކްޝަންއަށް ފާހަގަކުރެވިފައިވާތީ، އެމްޕީއެލްއިން ލޭންޑިން ކްރާފްޓް ރިޖެކްޓްކޮށް އެ ގަތުމަށް ވެފައިވާ އެއްބަސްވުން އުވާލާފައިވެއެވެ. އަދި އެހާތަނަށް އެމްޕީއެލްއިން ދައްކާފައިވާ ފައިސާ އަނބުރާ ދެއްކުމަށް ވެސް އެމްޕީއެލުން އެދިފައިވެއެވެ.