އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް، ފަސޭހަކަމާއި އެކު ވިލާ ގޭސް ފުޅި އޯޑަރުކޮށް، ފައިސާ ދެއްކޭ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި ވިލާ ގޭސް ގުޅިގެން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ މި ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް، ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރުކޮށް، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މި ހިދުމަތް ތައާރަފްކޮށްފައި ވަނީ، ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، މުހައްމަދު ރަޝީދާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ޚާންގެ ބައިވެރިވުމާއި އެކު އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަނި ޑީރެކްޓާ ވިދާޅުވީ އުރީދޫގެ އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ހިދުމަތް ކަމަށާއި، މި ޕްލެޓްފޯމުގު ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް ސީއީއޯ ވަނީ މަރުހަބާ އަރިސްކޮށްފައެވެ. ސީއީއޯ ނަޖީބް ވިދާޅުވީ، މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، މުހައްމަދު ރަޝީދުއާ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ޚާންގެ ބައިވެރިވުމާއި އެކު އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެއް ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކެއް ހިމެނޭއިރު ،މި ރޯދަ މަހުގެ ތެރޭގައި، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދައްކާލެވޭނެއެވެ.

މި އަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫން އެ ކުންފުނީގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ހާއްސަ ޑިޖިޓަލް ހިދުމަތްތަކަކާއި ޕްރޮމޯޝަން ތަކެއް ތައާރަފު ކޮށްފައި ވެއެވެ. އެގޮތުން ވައިބާ މެދުވެރިކޮށް ނަމާދު ވަގުތު ހަނދުމަކޮށްދޭ ޗެނަލަކާއި، ރޯދަމަހު މޮބައިލް މެދުވެރިކޮށް އޮންލައިންކޮށް ސިޔަރަތު އަޑުއެެހޭނެ ގޮތާއި، މައްކާގައި ކުރާ ތަރާވީސް ލައިވްކޮށް ބަލާލެވޭނެ ކަމަށާއި އަދި ރައްޓެހިންނާއި އާއިލާއަށް ރޯދަ ވީއްލުމެއް ވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.