އެމްޓީސީސީގެ ބަހަކާއި ބައިސްކަލެއް ޖެހި މާލޭގައި އެކްސިޑެންޓް ހިނގައިފިއެވެ.

މިއަދު ހެނދުނު 9:07 ހާއިރު އެންޓީސީސީގެ ބަހަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ، ގްރޭޓާ މާލެ ބަސް ޓާމިނަލުން ނިކުމެގެން އައި ބަހެއް، ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ބައިސްކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މިއީ އެމްޓީސީސީގެ ބަހެއް މާލޭގައި އެކްސިޑެންޓްވި ފުރަތަމަ ފަހަރެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، ބަސް ދުއްވަން އިން ޑްރައިވަރު އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި ރޯދަ މަހު، އެމްޓީސީގެ ބަސްތައް އެކްސިޑެންޓްވެ އެކި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން، މިމަހުގެ ނުވަ ވަނަ ދުވަހު، ހުޅުމާލޭގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާއިރު، ހުޅުމާޅޭގައި ދުއްވާ އެމްޓީސީސީގެ ބަހެއްގެ ދަށުވެ އުމުރުން 31 އަހަރުގެ ޔޫކްރެއިން އަންހެން ފަތުރުވެރިއެއް ވަނީ ނިޔާވެފައެވެ. މި ދެ ހާދިސާވެސް ހިނގާފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެން ކަމަށް ޑްރައިވަރު ބުނެއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ މާހައުލު ހުންނަ ގޮތުން ބަސް އޮޕަރޭޓް ކުރަން ދަތިކަމަށާއި ބަސް އޮޕަރޭޓް ކުރާނަމަ ބަހަށް ވަކި ލޭނެއް އޮންނަން ޖެހޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަވެ. އަދި ބަހަކީ ވަރަށް ގިނަ މީހުން ގޮވައިގެން ދަތުރު ކުރާ އެއްޗަކަށް ވުމާއި އެކު ބަސް ދުއްވާ މާހައުލު ރަނގަޅު ކުރަންޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ، މިހާރު ހުޅުމާލޭގެ މާހައުލު އޮންނަ ގޮތުން ނަމަ، ކުރިމަތިންނާއި، ފަހަތުން، އަރިމަތިން އަދި ހުރަސްކޮށް މީހުން ދުއްވާ އަދި ހިނގާފައި އުޅޭ ކަމަށާއި އެއީ ބަސް އޮޕަރޭޓް ކުރުމަށް އެންމެ ރައްކާތެރި މާހައުލު ނޫން ކަމަށެވެ. އަދި މާލޭގައި ބަސް އޮޕަރޭޓް ކުރަން އުނދަގޫ ވަނީވެސް މި ސަބަބާއި ހުރެ ކަމަށް އެ ކުންފުނިން ބުނެއެވެ.