ގައުމެއްގެ ހާލަތު އެންމެ ރަނގަޅަށް ތަސްވީރުވާނީ އެ ގައުމެއްގެ އިޖުތިމާއީ ފޭރާމުގެ ފެންވަރަށް ބަލައިގެންނޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު އިޖުތިމާއީ ވިއުގާގެގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ފޭސްބުކް އާއި ޓުވިޓާއަށް ބަލާލުމުން މިދިޔަ ދެތިން ދުވަހަކު އެންމެ ގަދައަށް ދެކެވެމުންދިޔަ އެއް ވާހަކައަކީ "ދިވެހިބަހުގެ" ވާހަކައެވެ. ދިވެހި ރާއްޖޭގައި އެޅި އެންމެ އުސް ކޮންކުރީޓު އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގެ އެކި ކޮޓަރިތަކާ ސަރަހައްދުތަކަށް ދެވިފައިވާ "ދިވެހިވަންތަ" ނަންތައް ޖަހާފައިވާ ނަންފިލާގަނޑުތައް ފެންނަ ފޮޓޯތަކާ، އެ ފޮޓޯތަކާ ގުޅިގެން ކުރެވެމުންދިޔަ ހޫނުގަދަ ބަހުސްތަކުންނެވެ.
ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރި ގޮތުން، ޚުދު އަޅުގަނޑަކީވެސް ދުވާލެއްގެ މައްޗަށް ދިވެހި ބަހުން އެތައް ލިޔުމެއް ލިޔަމުންދާ މީހަކަށްވާއިރު ފެނިގެންދިޔަ އެ ނަންތައްވީ މަސައްކަތުގެ ވެށީގައި އަޅުގަނޑަށް ފުރުސަތެއް އެބައޮތްތޯ ހިތާހިތާ ސުވާލުކޮށްލެވުނު ކަމަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯޓަކުން ފެނުނު ބައެއް ނަންތަކަށް ބަލާލުމުން އޭގެ މާނަ ނަގައިގަންނަ ދަތިވި ލަފުޒުތަކާ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ އެހެން ބަސްތަކުން ތަފާތު މާނައެއްގައި އައިސްފައި ހުރި ބަސްތައް ފެނިގެންދިޔައެވެ. ދިވެހި އަކުރުން ޖަހާފައިވާ ނަމުގެ ތިރީގައި އިނގިރޭސި އަކުރުން ލިޔެފައި އޮތް ނަން ކިޔާލުމުން މިނުވީ، މިކިޔަން އުޅެނީ ކީކޭކަންވެސް ހިތަށް ނަގައިގަންނަން ދަތި ނޫން ނަމެއް އެ ފޮޓޯތަކަކުން ނުފެނެނެވެ.
ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ "އަގީމު ސަރައްކާލި" އެވެ. ބަސް އުފެދިގެން އައިގޮތް، ދަ ޕްރެސްގެ އިތުރު ލިޔުމެއްގައި ގެނެސްދީފައިވާނެއެވެ. ދެން އުފެދުނީ ބޮޑު ސުވާލެކެވެ. ހިތް ނުތަނަވަސްކުރުވި ސުވާލެކެވެ. އެއީ "ސަރައްކާލި" އޭ ކިޔައިގެން ބަވަނަ ވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓިދާނެތޯ ކުރެވުނު ސުވާލެވެ. ކުރުދޮށީގައި ލާފައޭ ބުނާ އުސޫލުން ހިސާބަކަށް ދިރާސާކުރަން ފެށީމެވެ.
އަމިއްލަ ޘަޤާފަތަކާ، އަމިއްލަވަންތަ ތާރީޚެއް އޮތް ދިވެހިރާއްޖޭގެ ފަރުދުންނަކީ އަމިއްލަ ބަހެއްގެވެސް ފަޚްރާ އުފާ، މީގެ އެތައް ޒަމާނެއްކުރިންވެސް ހާސިލުކުރަމުން އައިބައެއްކަމީ މިއަދު އަޅުގަނޑުމެންގެ ދިވެހި އެއްވެސް ދަރިއަކު ދެބަސްވާނެ ކަމެއް ނޫނެވެ. ދިވެހިބަހުން ވާހަކަ ދައްކާ ހަމައެކަނި ބަޔަކީ އަޅުގަނޑުމެން ދިވެހިން ކަމުގައި ބުނެ، ޝަރަފަކަށް އެކަން ހެދިއިރު، މިބަހުގެ ނާޒުކު ކަމާއިމެދުވެސް ވިސްނާލުމީ ދިވެހި ކޮންމެ ދަރިއެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދަންނަވަންޖެހެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި 7000 އަށްވުރެ ގިނަ ބަހުން ވާހަކަ ދައްކާއިރު، މީގެ ތެރޭން 500 ބަހާ 1000 ބަހާ ދެމެދު ޢަދަދެއްގެ ބަސްތަކަކީ ނިސްބަތުން ވަރަށް މަދު ޢަދަދެއްގެ ބަޔަކު ވާހަކަ ދައްކާ އުޅޭ ބަސްތަކެކެވެ. ބަހުގެ އިލްމުވެރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް 25 މާދަރީ ބަސް ދުނިޔެއިން ފޮހެވިގެންދާއިރު، މިއީ ކޮންމެ ދިހަ އަހަރަކަށް ބަލާއިރު 250 މާދަރީ ބަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު 7000 ބަހަކުން ވާހަކަ ދައްކާއިރު، މީގެ ތެރޭން 90 ޕަސެންޓް ބަހަކީ ގާތްގަނޑަކަށް އެންމެ 100000 މީހުން ވާހަކަ ދައްކާ އުޅުމުގައި ބޭނުންކުރާ ބަސްބަހެވެ. ގާތްގަނޑަކަށް މިލިއަނެއްހާ މީހުން މުޢާމަލާތު ކުރުމަށް 150 އާއި 200 ދެމެދު އަދަދަކަށް ތަފާތު ބަސްތައް ބޭނުންކުރާއިރު، މިއަދު ދުނިޔޭގައި ވާހަކަ ދައްކާ އުޅޭ ބަސްތަކުގެ ތެރެއިން 46 ބަހަކީ، އެބަހުން ވާހަކަ ދައްކަން ދަންނަ އެންމެ މީހަކު ހުރި ބަސްތަކެވެ.
ބަވަނަވަންތަވުމަކީ ދުނިޔޭގައި ވާހަކަ ދައްކާ އުޅޭ ގިނަ ބަސްތަކެއް އުވި ދިއުމުގެ ނުރައްކަލުގެ ރަތް ރޮނގާ ހަމަޔަށް ގެންނަކަމެވެ. އެގޮތުން އުވިދިއުމުގެ ނުރައްކާ، 2500 އެއްހާ ބަހަށް މިހާރުވެސް ކުރިމަތިވެފައިވާކަމަށް ތަޢުލީމާ، ސައިންސާ، ޘަޤާފަތާ ބެހޭ އދގެ އިދާރާ – ޔުނެސްކޯއިން ވަނީ ރިޕޯޓްކޮށްފައެވެ. 1000 އަށްވުރެ މަދު މީހުން އެބަހަކުން ވާހަކަދައްކާ ބަސްތައް ވެސް ހުރިއިރު، އިތުރު ޖީލަކަށް މިބަސްތައް ފޯރުނުކޮށްދެވުމަކީ، ބަވަނަވަންތަވަމުންދާ އަދުގެ ދުނިޔޭން އެބަސްތައް އުވިދާނެކަމުގެ ނުރައްކާ ބޮޑުވެފައިވާކަމެއްކަމުގައި ބަޔާންކުރަންޖެހެއެވެ.
4 ލައްކަޔާ ގާތްކުރާ ޢަދަދެއްގެ މެންބަރުން ތިބި ދިވެހި ޢާބާދީގެ މާދަރީ ބަހުގެ ގޮތުގައި ދެކެމުން އަންނަ ދިވެހި ބަހަކީ، ނިޔޭގެ އެންމެ އާދަޔާ ޚިލާފު 350 ބަހުގެ ތެރޭގައި ހިމަނާފައިވާ ބަހެއްކަމަށް ދިވެހި ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ އަބްދުﷲ ވަޙީދު ވަނީ ލިޔުއްވާފައިއެވެ. ނަމަވެސް ދުނިޔޭގެ ބައެއް އެހެން ބަސްތަކެކޭވެސް އެއްފަދައިން ދިވެހި ބަސްވެސް އުވިދިއުމުގެ ނުރައްކާ ދިވެހި ބަހަށްވެސް ކުރިމަތިވެފައިވާކަމަށް އަބްދުﷲ ވަޙީދު ވަނީ 2009 ވަނަ އަހަރު އޭނާ ޝާއިއު ކުރެއްވި ބްލޮގް ޕޯސްޓެއްގައި ފާހަގަކުރައްވާފައެވެ. ސަބަބެއްކަމުގައި ވިދާޅުވަނީ ދިވެހި ޒުވާން ޖީލު ވާހަކަ ދައްކާ، ބަސް ބޭނުންކޮށް އުޅުމުގައި ދިވެހި ބަހާ ބޭރުގެ އެހެން ބަސްތައް 'މަސްހުނި' ކުރަމުން ދިއުމެވެ. ނުވަތަ ދިވެހި ބަހުގެ މައްޗަށް އެހެން ބަސްތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދިނުމެވެ. ފަހަރުގައި "ސްކޯޕް ވޮޝް އެންޑް ސްޓޯ" އަށް "އަރެސް ދޮވެބަހައްޓާ ކޮޓާރު" ގެ ނަމުން ނަން ދިނުމުން ކަމުނުދިޔައީ މިހެންވެ ކަމުގައި ވެދާނެއެވެ.
ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ފިހާރަތަކުންނާ އޮފީސްތަކުން ފެނުނު ބިންމާ އިބްރާޙިމް ވަޙީދާ، ނަޙުލާގެ ވާހަކަ ފޮތްތައް މިހާރު އެއްވެސް ވަރަކަށް ފެންނަން ނެތްކަން، މިކަމަށް މިސާލު ދެއްވަމުން އަބްދުﷲ ވަޙީދު ވަނީ ލިޔުއްވާފައެވެ. މިނުރައްކާތަކާއެކު އަދިވެސް ހަލުވި ދުވެއްޔެގައި ބަވަނަވަންތަ ރޭހުގައި ކުރިއަރަމުން އަންނަ ރާއްޖޭގެ މާދަރީ ބަސް އުވިދިއުމުން ސަލާމަތްކުރެވޭނެ އެންމެ ވަރުގަދަ އެއް އަސާސަކީ ރާއްޖޭގެ ރަސްމީ ބަސްކަމުގައި ދިވެހި ބަސް ހަމަޖައްސާފައި އޮތުންކަމަށްވެސް އަބްދުﷲ ވަޙީދުވަނީ ފާހަގަކުރައްވާފައެވެ. އެހެންވީއިރު، ޒަމާނީ ފެންވަރުގެ 25 ބުރީގެ ހޮސްޕިޓަލުގެ އެކި ކޮޓަރިތަކަށް "ދިވެހި" ނަންތަކެއް ކިއުން ނޫން ގޮތެއް ނެތީބާއޭ ސުވާލުކޮށްލެވުނެވެ. ބަވަނަވަމުންދާ ދުނިޔޭގެ އޮއެވަރުގައި ރާއްޖެ ޖެހިފައިވާ ޖެހުމަކީ، ދިވެހި ބަސްއުވިދިއުމަށް އޮތް ހަމައެކަނި ސަބަބު ނޫންކަމަށްވެސް އަބްދުﷲ ވަޙީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ތަޢުލީމީ މަންޙަޖުގައި ދިވެހި ބަހުގެ ތަޢުލީމް ފޯރުކޮށްދެމުން އަންނަ 'ފޫހި' ގޮތް ދޫކޮށްލުމަށްފަހު، ބަހުގެ ޝައުގު އިތުރުވާ ފަދަ ގޮތަކަށް ދިވެހި ބަހުގެ ޢިލްމު އުނގަންނައި ދިނުމަށް އަބްދުﷲ ވަޙީދު ވަނީ ބާރުއަޅުއްވާފައިއެވެ.
ބަވަނަ ވަންތަވަމުން އަންނަ މި ދުނިޔޭގެ އޮއެވަރުގައިޖެހި، ބަހެއް އުވިދާނެކަމަށް ދަޢުވާ ކުރެއްވި އެއް ފަރާތަކީ އެލިޒަބަތު މެލޯންއެވެ. ނޭޝަނަލް ސައިންސް ފައުންޑޭޝަންއަށް ލިޔުއްވި ލިޔުމެއްގައި އެލިޒަބަރު މެލޯން ވިދާޅުވަނީ، ބަވަނަވަންތަކަން އިތުރުވާ ވަރަކަށް، އިންސާނާ ވާހަކަ ދައްކާ ހަދަން ގެންގުޅޭ ބަސްތައް އުވިގެންދާކަމަށެވެ. އެއްދުވަހުން އަނެއް ދުވަހަށް ޤައުމު ތަރައްޤީވަމުންދާއިރު، އެކަކު އަނެކަކާއި މުޢާމަލާތުކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކާ މުއާސަލާތު ކުރުމުގައި، ކުޑަ އާބާދީއަކަށް ހާއްސަ ބަހަކުން ވާހަކަ ދެއްކުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުންދާ ބަސްތައް ބޭނުންކުރުމަށް އާބާދީތަކުން ސަމާލުކަން ދެއެވެ. އަދި ބަސްތައް އުވިދާއިރު، އަންނަން އޮތް ޖީލުތަކަށް މިފަދަ ބަހެއް ދަސްކޮށްދިނުމުގެ ބަދަލުގައި، މުސްތަގުބަލުގައި ވެސް ބޭނުން ހިފޭނެ ބަހެއް ދަސްކޮށްދިނުމަށް ބެލެނިވެރިން ވެސް މިހާރު ސަމާލުކަން ދޭކަމީ، މަދު މީސްކޮޅަކަށް ހާއްސަވެފައިވާ ބަސްތައް، ބަހުގެ ޗޭނުން އުވިދިއުމަށް އޮތް ސަބަބެއްކަން ވެސް އެލިޒަބަތު މެލޯން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ބަލާއިރު ދިވެހި ބަސްވެސް މިކަމުގައި ނުހިމެނޭކަމަކަށް ނުދެންނެވޭނެއެވެ. ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅާ މައިންބައިންބަފައިން ވެސް ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ނުވަތަ އެންމެ ހިތްދަތިކުރުވާ ގޮތަށް، ދެބަސް މަސްހުނިކޮށްގެންނެވެ. ފަހަރުގައި، މިއީ ބަހެއް ކުރިއަރަން ޖަހާ އިންގިލާބީ ބޮޑުރާޅު ނޫން ބަވައޭވެސް ހިތަށް އަރައެވެ.
ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ވާހަކަ ދައްކާ ބޮޑެތި ބަސްތަކަކުން ވާހަކަ ދެއްކުމަށް އާދެވެފައިވާ މީހަކަށް، ކުޑަ ބަހެއް އުވިދިއުމުގައި އޮތް ހިތާމަތައް ފުރިހަމައަށް ފަޙުމްނުވާނެކަމަށް އެލިޒަބަތު މެލޯންވަނީ ފާހަގަކުރައްވާފައެވެ. އަދި އެއް ބަހަކުން ދުނިޔޭގެ އެންމެން ވާހަކަ ދެއްކުމަކީ މާ އެދެވޭ ކަމެއްކަމުގައި ދެކޭ މީހުންގެ އާބާދީ އިތުރުވަމުން ދިއުމަކީވެސް އަދުވެސް ދުނިޔޭން ބަހެއް އުވިދިއުމަށް އޮތް ބޮޑު ފުރުސަތެއްކަމަށްވެސް އެލިޒަބަތު މެލޯން ވަނީ ލިޔުއްވާފައެވެ. މިއާއެކު މީގެ އަނެއްކޮޅުވެސް އެބައޮތްކަމަށާއި، އެއީ ދުނިޔޭގައި ބައިމަދު މީސްތަކުން ބޭނުންކުރާ ބައެއް ބަސްބަހުގެ އަސަރު ކޮންމެވެސް ވަރަކަށް އިނގިރޭސި ބަހަށްވެސް ކުރަމުންދިއުންކަން އެލިޒަބަތު މެލޯންވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ބަހަކީވެސް ބައިމަދު އާބާދީއެއް ބޭނުންކުރާ ބަހަކަށްވީއިރު، މި ފުރުޞަތުގައި، ދިވެހި ބަހުގެ ހާލަތަށް ބަލާލަމާތޯއެވެ. ދިވެހި ޤައުމިއްޔަތުގެ އެއް ތަނބުކަމުގައިވެފައިވާ ދިވެހި ބަހުގެ ސީދާ އަސްލެއް މިއަދާ ހަމަޔަށް އައިއިރުވެސް ކަށަވަރުކޮށް ހޯދިފައިނުވާއިރު، މިއީ އެތައް ޒަމާންތަކެއްވީ ބަހެއް ކަމާ، ތަފާތު އެކިއެކި ބަސްތަކުން މަސްހުނިވެ، މުއްސަނދިވެފައިވާ ބަހެއްކަން އެންމެ ފަހުގެ ތާރީޚީ ހޯދުންތަކުން ސާބިތުކޮށްދެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ، އެހެން ބަސްތަކަކާ މަސްހުނިވުމުގެ ސަގާފަތެއް އޮތް މި ދިވެހި ބަހުގެ ކުރިމަގަށް، އަދުގެ ބަވަނަވަންތަވުމުގެ ހަރަކާތުން ކުރުވަނީ ހެޔޮ އަސަރެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. ނުވަތަ ބަވަނަވުމުންދާ މިދުނިޔޭގައި ދިވެހި ބަސް ގަތުލުވެ، ވަޅުލެވިގެން ދިއުމުގެ ފުރުސަތު ބޮޑުތޯ ކުރެވޭ ސުވާލެވެ. ނުވަތަ މިކަމުންވެސް ދިވެހި ބަސް އިތުރަށް މުއްސަނދިވެ، ފުޅާވެގެންދާނީތޯ ކުރެވޭ ސުވާލެވެ.
އަދުގެ ޒަމާނީ ބަވަނަވުމުގެ ހަރަކާތްތައް ފެށުމުގެ މާކުރީގެ ދިވެހި ބަހަށް ބަލާއިރު، ބޭރު ބަސްބަހުގެ އެތައް ލަފުޒެއް ދިވެހި ބަހާ އެކުވެފައިވާކަމަށް ކުރީގެ ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން "ދިވެހީންގެ ބަސް" މިނަމުގައި 1998 ވަނަ އަހަރު ޝާޢިއުކުރެއްވި ފޮތުގައި ވެސް ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން އިސްތިރާޖީ (ސްޓްރެޓީޖިކް) ގޮތުން ރާއްޖެ އޮތް ސަރަހައްދު މުހިންމުވެ، ރާއްޖެއާއި ކައިރިން ދަތުރުކުރި މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރި ބޭރުގެ މީހުންގެ ފަރާތުން ދިވެހި ބަހަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށް މި ފޮތުގައި ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖެއަށް އެކި ޒަމާންތަކުގައި ހިޖުރަކުރި އެކިއެކި މީހުން ގެނައި ބަސްތައް، މިހާރު އަޅުގަނޑުމެންނަށް ފެންނަން މިއޮތް ދިވެހި ބަހުގައި ހިމަނާފައިވެއެވެ. އެކުރި ހިޖުރައަކީވެސް ބަވަނަވަންތަކަމުގެ ހަރަކާތެކެވެ.އަދި ބަސް ގަތުލުވިޔަ ނުދީ ދެމެހެއްޓުމަށް ފުރުސަތު އޮތްކަމަށް ބުނެ، ކުރެވެމުންދާ ބަހުސަށް ދެވޭ އިތުރު ސަބެބެކެވެ.
ދިވެހި ބަހުގައި ބޭނުންކޮށް އުޅޭ ބައެއް ބަސްތަކަކީ ސީދާ ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތް ދެކުނު އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ބަސްމޮށުންތެރިކަމުން ލިބުނު އެއްޗެއްކަމަށް ނިންމެން ނެތްކަމަށް ދިވެހި ބަހުގެ ތާރީޚާ ބެހޭ ލިޔުންތަކުގައި ފާހަގަކޮށްފައިހުރެއެވެ. އެގޮތުން ދިވެހި ބަހުގެ އެންމެ ޒަމާންވީ ލަފުޒުތަކުގެ ތެރޭގައި މެލޭ ބަސް ހުރިކަމަށް، ދިވެހި ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ ނަސީމާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ. މިސާލަކަށް، އަޑު، އަނޭކަ (ބަދަލުނުވެހުރުން)، ބީދަ ފަދަ ބަސްބަހީ މެލޭ ބަހުން ދިވެހި ބަހަށް އައިސްފައިވާ ބަސްތަކެކެވެ. ބަވަނަވަންތަވުމީ މި ބޮޑު ދުނިޔެ، އެކި ގޮތްގޮތުން ކުޑަތަނަކަށް ވުންކަމުގައި ވާނަމަ، ރާއްޖެއާއި މާ އުތުރުން އޮތް މެލޭ ނުވަތަ މެލޭސިއާގެ ބަހުން ރާއްޖެއަށް ބަސް އައުމީ ބަވަނަ ވަމުންދާ ދުނިޔޭން ދިވެހި ބަހަށް ލިބުނު ކުރިއެރުމެއްކަމަށް ދެންނެވިދާނެއެވެ. އަދި މިއީ ބަސް ގަތުލުވުން ނޫންކަމަށް އިއްތިފާގުވުމުގެ ފުރުސަތު އަނެއްކާވެސް ފުޅާވެގެންދެއެވެ. ބަހުގެ ތަޖުރިބާކާރުންގެ ކުރިމަތީގައި ބަސް ގަތުލުވާ ކަމަށްވަނީ އިނގިރޭސި ބަހާ މަސްހުނި ވުމުން ތޯ ސުވާލުކޮށްލުން ބުއްދިވެރިކަމުގައި ދެކެމެވެ.
މީލާދީން 12 ވަނަ ޤަރުނުގައި ރާއްޖެއަށް އިސްލާމްދީން އައުމަށްފަހު، ދިވެހި ބަހުގެ ތެރެއިން އަރަބި ބަހާ ފާރިސީ ބަސް ފެންނަން ފެށިއެވެ. އަދި 18 ވަނަ ޤަރުނުން ފެށިގެން މިއަދާ ޖެހެންދެންވެސް ދިވެހި ބަހާ އިނގިރޭސި ބަހާ މަސްހުނި ވަމުން ދާކަން، ނަސީމާ މުޙައްމަދު ފާހަގަކުރައްވައެވެ. އަދި ޒަމަނާ ތަރައްޤީގެ ތެރެއިން ދިވެހި ބަހާއި ބޭރުގެ ބަސްތައް މަސްހުނިވަމުންދާ ދިއުމާމެދު ސަމާލުނުވެ ތިބެއްޖެނަމަ ދިވެހި ބަހުގެ އަމިއްލަ ވަންތަ ސިފަތައް ގެއްލި، ބަހުގެ ދިވެހި ވަންތަކަން ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަންވެސް ބަހާ ބެހޭ މަރުކަޒުން ވަނީ ފާހަގަކުރައްވާފައެވެ.
މުށު ތެރޭގައި ގެންގުޅެލެވޭހާ ކުޑައެއްޗަކަށް ދުނިޔެވެފައިވާ މިޒަމާނުގައި، ދިވެހި ބަސް ތަރައްޤީވަމުން އައިސްފައިވާ ގޮތާ ބެހޭ ގޮތުން މިހާރުގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މަޢުމޫން 2002 ވަނަ އަހަރު ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ތަރައްގީގެ ރޭހުގައި ކުރިއަރަމުން އައި އައުމުގައި ބޭރުގެ ސަގާފަތާ ބަސްތަކުގެ އަސަރު ދިވެހި ބަހަށް ކޮށްފައިވާކަން، ދިވެހި ރާއްޖޭގެ ތާރީހް ލިޔަންފެށި ހިސާބުން ފެށިގެންވެސް ފެންނަން އެބަހުރިކަމަށެވެ. އެގޮތުން އަރަބި، ފާރިސީ އަދި ޕޯޗުގީޒު ބަހާއި، އިނގިރޭސި ބަސްވެސް ދިވެހި ބަހުގެ ތެރެއިން ފެންނަން ހުރިކަން ޔުމްނާ މަޢުމޫން ވަނީ ފާހަގަކުރައްވާފައެވެ.
ވިހިވަނަ ޤަރުނުގެ މެދެއްހާ ހިސާބުން ފެށިގެން ތައުލީމް ހާސިލުކުރުމަށްޓަކައި ދިވެހިން ބޭރު ޤައުމުތަކަށް ދަތުރުކުރަން ފަށާ، އެކަމުގެ ސަބަބުންވެސް ދިވެހި ބަހަށްވަނީ އަސަރުތަކެއް ކޮށްފައެވެ. މިކަމުގެ ސަބަބުން ދެންނެވެން އޮތީ، ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަކީވެސް ބަވަނަވުމުގެ ހަރަކާތުގެ ތެރޭން ދުނިޔެ ކުޑަވަމުންދާ ދިއުމުގެ ސަބަބުން ބަހަށް އަސަރުކުރުވާ ކަމެއްކަމެވެ. އެގޮތުން ތައުލީމް ހާސިލުކުރުމަށްޓަކައި އިންޑިއާއާއި ޕާކިސްތާނު އަދި ބައެއް އަރަބި ގައުމުތަކަށް ދިވެހިން ދަތުރުކޮށް، އެނބުރި ޤައުމަށް އައުމުގެ ނަތީޖާއެއްގެ ގޮތުން އުރުދޫއާއި އަރަބި ބަހުން ދިވެހި ބަހަށް އަސަރުތަކެއްކޮށްފައިވާކަމަށް ޔުމްނާ މަޢުމޫން ވިދާޅުވިއެވެ. ދީނީ އަޅުކަންތަކުގެ ނަންތަކުގެ އިތުރުން، "ބަޙާރު"، "ގުލްޝަން" ފަދަ ބަސްތަކަކީ ޢުރުދޫ ބަހުން ސީދާ ދިވެހިބަހަށް އައިސްފައިވާ ބަސްތަކަކަށްވީއިރު، އަރަބި ބަހުގައި އޮންނަ "ޤާމީސް" މި ލަފުޒުން 'ގަމީސް'، "ޤަލަމް" މި ލަފުޒުން 'ގަލަން' އައިސްފައިވާކަންވެސް ޔުމްނާ މަޢުމޫން ވަނީ ފާހަގަކުރައްވާފައެވެ.
ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ ހަތިޔާރެއް ކަމުގައި ބަލަމުން އަންނަ އިނގިރޭސި ބަހުގެ އަސަރުތައް ދިވެހި ބަހަށް ކުރަން ފެށި ހިސާބާ، ކުރަން ފެށި ގޮތުގެ ތަފްސީލަށްވެސް، ޔުމްނާ މަޢުމޫންވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެކުނު އޭޝިއާއާއި އަރަބި ޤައުމުތަކުގެ އިތުރުން، ހުޅަނގުގެ ތަޢުލީމަށް ދިވެހި ލޯހުޅުވުމާއެކު، 1970އާއި 80ގެ އަހަރުތަކުން ފެށިގެން އިނގިރޭސިބަހުގެ އަސަރުތައް ދިވެހި ބަހުން ފެންނަން ފެށި މިންވަރު އިތުރުވި ކަމަށާ، އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އާންމުކޮށް ބޭނުންކުރާ މީޑިއަމްއަކީ އިނގިރޭސި ބަސްކަމުގައި ދިވެހި ސަރުކާރުން ހަމަޖެއްސުމީ ދިވެހި ބަހަށް އިނގިރޭސި ބަހުގެ އަސަރުތައް ކުރުވާ، މަސްހުނިވެ ދިއުމަށް މެދުވެރިވީ ސަބަބުތައްކަން ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި ބަސް ގަތުލުވުންކަމަށް ބަޔާންކުރައްވާފައެއްނުވެއެވެ.
ޒަމާނާ، ވަގުތާ ހާލަތާ އެއްވަރަށް ޤައުމު ތަރައްގީވެ، ބަވަނަވަންތަ ވުމުގެ ރޭހުގައި ގައުމު ކުރިއަރާދާއިރު، ފަހުގެ ޒަމާނީ ވަސީލަތްތައް ދިވެހިންގެ ތެރެއަށް ތައާރަފުވި ކަމީވެސް ދިވެހި ބަހާ ބޭރުގެ ބަސްތައް މަސްހުނިވެ، ވަކިކުރަން ދަތިވާ ހިސާބަށް ހާލަތު ގެންދިޔަ ކަމެއްކަމުގައި ޔުމްނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން 'ރެޑިއޯ'، 'ޓީވީ' އަދި 'ކޮމްޕިއުޓަރު' ފަދަ ބަސްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރޭން ދިވެހިންނަށް ތައާރަފުވެ، ދިވެހި ވަންތަ ކުލަތަކެއް ޖެހިގެން ދިވެހި ބަހުގެ ޗޭނުން ޖާގަ ހޯދި ބަސްތަކެއްކަމަށް ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ. ވީއިރު، މިއީ ދިވެހި ބަސް އިތުރަށް ފުޅާވެ، ތަރައްގީވެގެން ދިއުން ނޫން އިތުރު އެހެންކަމަށް ދެންނެވުމުގެ ފުރުޞަތު ހަންޏެވެ. ބޭރުގެ ޤައުމުތަކާ ރާއްޖެއާއި ދެމެދު އޮތް ގުޅުން އެކި ގޮތް ގޮތުން ބަދަހިވެ، މަސްނޫއީ ގޮތުން އެއް މާހައުލެއްގެ ތެރެއިން ރާއްޖެއާއި ބޭރުގެ ގުޅުން ބަދަހިވެފައިވާއިރު، ފެތުރެމުންދާ ބާރުގަދަ ސަގާފަތްތަކާ ބަސްތަކުގެ ނުފޫޒުގައި ޖެހި، ދިވެހި ބަހަށްވެސް ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށް، ޔުމްނާ ފާހަގަކުރައްވައެވެ.
މިއާ ހިލާފަށް، ބަސްކުރިއެރުވުމުގެ ނަމުގައި މިއަދު ހަރަކާތްތެރިވާ ރަސްމީ މަސްދަރުން މިކަން ސިފަކުރަނީ މިއީ ބަހަށް ލިބޭ އުނިކަމެއްގެ ގޮތުގައެވެ. ފަހަރެއްގައިވެސް ހުޅަނގާ އެމެރިކާ ހިސާބުން ދިވެހި ބަހުގެ ތެރެއަށް ލަފުޒެއް ވަނުމަކީ ބަސް ނެތިދިއުން ކަމުގައި، ނުވަތަ ދިވެހި ބަހަށް ކުޑައިމީސް ކުރުން ކަމުގައި ދެކޭނީ ހަމަޔަގީނުންވެސް ހަނަ ނަޒަރަކުން ވިސްނާ ބައެއްކެވެ. އެހެނީ، ކާބަފާ ޒަމާނުގައި ހިންދުކަރައާއި، އަރަބި އަދި އޮޅުދޫކަރައަށް ކުރި ދަތުރުން ލެއްގި ބަސްތައް ބޭނުންކުރި ފަދައިން، ޒަމާނަށް އައި ބަދަލާއެކު ހުޅަނގަށް ކުރާ ދަތުރުން ލެއްގި ބަސް ބޭނުން ކުރުމަށް ގައުމީ ފެންވަރެއްގައި ހުރަސް އަޅައިނަމަ އަދުގެ ޒުވާން ޖީލު ދިވެހި ބަސް މަތިން ފޫހިވުމުގެ ފުރުސަތު އިތުރުވުން ނޫންކަމެއް ނުވާނެތީއެވެ. ސާފު ދިވެހިބަހުން ހަގީގީ މާނާގައި އަދުގެ މި ޒަމާނުގައި ޖުމުލައެއް ބުނެގެން އެއްޗެއް ދޭހަކޮށްދިނުމަށްވެސް ފަރަންޖީ ބަހަކުން ދެތިން ލަފުޒެއް ބުނެލައިގެން އެ އިހުސާސްތައް ބޭރުކުރަން ފަސޭހަވާ ދަރަޖައަށް އަދުގެ ދިވެހި ބަސް މިވަނީ ވަކި ބަޔަކު ތަރައްގީކޮށްފައެވެ. މިސާލެއް ބޭނުންފުޅުކަމުގައި ވަނީނަމަ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ފަންގިފިލާގެ އެކި ހިސާބުތަކުން މިހާރުވެސް ފެންނަހުރި ނަންފިލާގަނޑުތަކަށް ނަޒަރު ހިންގާލަބައްވާށެވެ.
މި ލިޔުމުގައި މިހާތަނަށް ހަވާލާދީ ގެނެސްދީފައިވާ ނުކުތާތަކަށް ބަލާއިރު، ދުނިޔޭގެ ނުފޫޒު ގަދަ ބަސްތަކުގެ ގޮތުގައި ބަލާ ބޮޑެތި ބަސްތަކުގެ އަސަރު، ކުޑަ އާބާދީތަކުން ބޭނުންކުރާ ބަސްތަކަށް ނުކޮށް ދިއުމަކީ ނާދިރުކަމެއްކަމުގައި ދެންނެވިދާނެއެވެ. ހާއްސަކޮށް ރާއްޖެފަދަ އާބާދީ މަދު ގައުމެއްގެ ރަސްމީ ބަސްކަމުގައި ބޭނުންކުރަމުންދާ ދިވެހި ބަހަކީ ހަމައެކަނި މިގައުމަށް ހާއްސަ ބަހަކަށްވާއިރު، މިހާލަތުގައި މިބަސް އުވިދިއުމުގެ ނުރައްކާ، އާބާދީ ބޮޑު ގައުމުތަކަށް ހާއްސަ ބަސްތަކަށްވުރެ ބޮޑުކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް މިއީ މުޅި ބަސް މަރުވެ، ކަފުންވެގެން ދިއުންކަމަކަށް ނުދެންނެވޭނެއެވެ.
ދިވެހި ބަހުގެ ޙަޤީގީ އަސްލަކީ ކޮބައިކަން އަދިވެސް ޔަޤީންކޮށް ހޯދިފައިނުވާކަމަށް، ތާރީޚްގެ ލިޔުންތަކާ، ދިވެހި ބަހާ ބެހޭ ލިޔުންތަކުން ހެކި ދޭއިރު، ދިވެހި ބަހުގެ އުފެދުމުގައިވެސް ބޭރު ބަސްބަހުގެ ނުފޫޒު ހުރިކަން ސާބިތުވެއެވެ. ވީއިރު، މިއީ ބަވަނަވަންތަވުމުގެ ރޭހުގައި ހަލުވިކަމާއެކު ކުރިއަރާ ދިއުމަށް ގަދަ ހިއްވަރަކާއެކު މަސައްކަތްކުރާ މި ޤައުމުގެ ރައްޔިތުންގެ ފަޚްރެއްކަމުގައިވާ ދިވެހި ބަސް، ބޭރުގެ ބޮޑެތި ބަސްތަކުގެ ނުފޫޒުގައި ޖެހި ދިއުމުގެ ފުރުޞަތު ނެތްކަމަށް ދެންނެވުން ވާނީ ދެކޮޅު ނުޖެހޭ ބުނުމަކަށެވެ. ނަމަވެސް ބަސް ޤަތުލުވުމަށް ފުރުޞަތު ކުޑަކަމީ މިހާ ހިސާބަށް އައިއިރު އެކަމުގެ ދެކޮޅު ފެނިފައިވާ ދެންނެވުމެކެވެ.
ބަހެއްގެ ނުފޫޒު، އަމިއްލަ ވަންތަ ދިވެހިން ބަހުން ފެނުމާ، ދިވެހި ބަސް އުވިދިއުން ނުވަތަ 'މަރުވުމާ' ތަފާތެވެ. ބަހެއްގެ ނުފޫޒުގައި ޖެހުމަކީ އަދި ބަސްމަރުވުންކަމަށް އެއްވެސް ލިޔުމަކުން ފެންނަން ނެތްއިރު، ބަހެއް މަރުވީ ކަމަށް ޢިލްމީ އަދި ތާރީޚީ ލިޔުންތަކުން ހެކިދެނީ، އެބަހަކުން ވާހަކަ ދައްކާނެ އެއްވެސް މީހަކު ނެތް ބަސްބަހެވެ. އެ ބަހަކުން ވާހަކަ ދައްކާ އެއްމެމީހަކު ހުރިނަމަވެސް، އެބަހަކީ ޤަތުލުވެ، ވަޅުލެވުނު ބަހެއްގެ ބަދަލުގައި، އާސާރުކުރެވިގެންދާ ބަހެއްކަމުގައި މިހާރުވަނީ ބަލަން ފަށާފައެވެ.
ބަވަނަވަމުން އަންނަ ދުނިޔޭގައި ކާމިޔާބު ލިބި، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ ރޭހުގައި ތަރައްޤީ ޙާސިލުކުރަމުންދާއިރު، ވިސްނާ ނުލެވި ވާކަމަކީ މިކަމުގެ ސަބަބުން ދިވެހި ބަހުގެ ޙަޤީގީ ދިރުންތައް މަރުވަމުން ދާކަމެވެ. ސީދާ ދިވެހި ބަސް އެކުއެކީގައި ވަޅުލެވި ނުދިޔައެއްކަމަކު، ދިވެހި ބަސްވެސް މިއަދުވަނީ އެހެން ބަސްތަކުގެ، ޚާއްސަ ގޮތެއްގައި މިއަދު ދުނިޔޭގައި އެންމެ ބާރުގަދަ ކަމަށް ބުނާ ބަސްތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސި، ޢުރުދޫ، ހިންދީ އަދި ޢަރަބި ބަހުގެ ވަރުގަދަ ނުފޫޒެއްގައި ޖެހިފައެވެ.
ހިތާމައަކީ، ހިންދީ، އުރުދޫ، ފާރިސީ އަދި އަރަބި ބަހުގެ އޮއެވަރުގައި ދިވެހި ބަސްޖެހި، އެ ބަސްތަކުން ވާރުތަކުރި ބަސްތައް ދިވެހިވަންތަ ކުރުން މައްސަލައަކަށް ނުވެފައި، މުޅި ދުނިޔެ ފަތަހަކޮށްފައިވާ އިނގިރޭސި ބަހުގެ އަކުރެއްގެ މިންވަރުވެސް ދިވެހި ލޭ ހިނގާ ދަރިއަކު ބޭނުންކޮށްފިނަމަ ދިވެހި ބަސް ނެތިދިޔައީ ކަމުގައި ބައެއް ފަރާތްތަކަށް އަދިވެސް ހީވާކަމެވެ. ހެޔޮ ނިޔަތެއްގައި ކުރާ ވަކާލާތަކަށް މިކަން ވީ ނަމަވެސް، ނޭނގި ތިބެ ކަމުގައި ވީ ނަމަވެސް، ދިވެހި ބަހުގެ ހަގީގީ ގާތިލުންނަކީ މިއަދު އެ ބަހުގެ ދިފާއުގައިކަމަށް ވިދާޅުވެ ނިކުންނަވާ މަދު ބޭފުޅުންކޮޅެއް ކަމުގައިވެސް ވެދާނެއެވެ. މިހެން މިދަންނަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިސްވެދެންނެވު ދިވެހި ބަހުގެ "އަސްކަރީ" ފައުޖުން ކަނޑައަޅުއްވަމުން ގެންދަވާ ބަސްތަކަކީ އަދުގެ ސިކުނޑިތަކާ ބުއްދި ގަބޫލުކުރާ ބަސްތަކަކަށްނުވުމުގެ ނަތީޖާއަކަށްވަނީ ދިވެހި ބަސް ހަވާސާކޮށް، ބިދޭސީ ބަހެއް އިހުތިޔާރުކުރެވޭ ގޮތްވުމެވެ. މިކަން ތަކުރާރުވަމުން ގޮސް، ދިވެހި ބަސްމަތިން ހަނދާން ނެތި، ކުރިންދެންނެވި ފަދައިން ބަހުން ވާހަކަ ދައްކާނެ އެންމެ މީހަކުވެސް ނެތި، ބަސްކަފުންވެދިއުން އޮންނާނީ މާ ދުރަކު ނޫނެވެ. އެކަން ސާބިތުކުރެވޭނީ މީގެ އަހަރުތަކެއް ފަހުން ކުރާ އިލްމީ ދިރާސާއެއްގައި ކަމުގައިވެސް ވެދާނެއެވެ.
ބަހާ ބެހޭ އިލްމުވެރިން ސިފަކުރައްވާ ގޮތުގައި ބަހަކީ އިންސާނާގެ އިޙްސާސްތަކާ ސީދާގޮތުން ގުޅިފައިވާ ކަމަކަށްވާއިރު، އަދުގެ ދުނިޔޭގައި ބޭނުންކުރަމުން މިދާ ބަސްތަކަކީ އިންސާނާގެ އިޙްސާސްތަކެވެ. އެހެން ބަހެއްގެ ނުފޫޒުގައިޖެހި ބަހެއް އުވި ހިނގައްޖެ ނަމަ، އެ ވަޅުލެވެނީ، އެބަހެއްގެ އަޙުލުވެރިންގެ އިޙްސާސްތައްކަމުގައި، މިސަބަބަށްޓަކައި ދެންނެވި ދާނެއެވެ. ވީއިރު ބަވަނަވަންތަކަމުގެ ރޭޙުން ހާސިލުވީ ކަމެއްގެ އުފާ އިޙްސާސްކުރާނީ ކޮންފަދައަކުންތޯވެސް އެއީ ކުރެވޭ ސުވާލެކެވެ. މިސަބަބަށްޓަކައި، އަމިއްލަ ވަންތަ ބަހަކަށް އެހެން ބަހެއްގެ ނުފޫޒު ފޯރުވުމަކީ، ބަހެއް މަރުވީ ކަމަށް ދެންނެވޭކަށް ނެތެވެ. އަދި ފޯރާ ނުފޫޒަކީ ބަހެއްގެ ޤާތިލުކަމަށްވެސް ސިފަކުރެވޭނެ ޖާގައެއްނެތެވެ. ނަމަވެސް އޮތް ފުރުޞަތަކީ، ބަހުގެ އަސްލީ ހަމަތަކަށް ލޮޅުން ގެނުވާ، ކާބަފައި ޒަމާނުއްސުރެ ބަސް ބޭނުންކުރަމުން އައި އުސޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވުމެވެ. ބައެއް ފަހަރު، ބަހަށް ގެނެވޭ ތަރައްޤީއެއްގެ ގޮތުގައިއެވެ. ނުވަތަ ބަހަށްކުރެވޭ ބޭއިންސާފެއް ނުވަތަ ބޭއިޚްތިރާމެއްގެ ގޮތުގައެވެ.
ކުރިންވެސް ބަޔާންކޮށްފައިވާނޭ ފަދައިން ދިވެހިންގެ ފަޚްރެއްކަމުގައި ދިވެހި ބަސް ދެކޭއިރު، ދިވެހިންގެ ދިވެހި ވަންތަކަން އެންމެ ޚާއްސަވާ އެއް ސަބަބަކީވެސް ދިވެހި ބަހެވެ. ކަންމިހެންއޮތްއިރު، ބަވަނަވުމުގެ ނަމުގައި ބޭރުގެ ބަސްތަކަށް އިޚްތިރާމްކޮށް، ބޭރުގެ ބަސްތައް އިސްކުރުމަކީ ދިވެހިންގެ އަމިއްލަ އަތުން، ދިވެހިންގެ ތަސްވީރު، ބައިނަލްއަޤްވާމީ ތަރައްޤީގެ ރޭހުން ނައްތާލުން ކަމަށް ދެންނެވިދާނެއެވެ. ނަމަވެސް ބަވަނަވަންތަވުމުގެ ރޭހުން ދުނިޔެ ތެރެއަށް ރާއްޖެ ފަދަ ކުޑަ ޤައުމެއް މަޝްހޫރުވެ، ރާއްޖޭގެ ނާޒުކު ބަހާ، މިބަހަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނެސް، ރާއްޖޭގެ މި މުއްސަނދި ތަރިކަ ހިމާޔަތްކޮށް، ވީ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަކީވެސް ބަވަނަ ވަމުންދާ މިދުނިޔޭން ދިވެހި ބަހަށް ހޯދިދާނޭ ކުރިއެރުމެކެވެ. ދިވެހިބަހަކީ ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކަށްވެސް ފެތޭ ބަހެއް ކަމުގައި ހެދުމަކީ، ދިވެހި ބަހަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތެވެ. ކާބާފައި ޒަމާނުގައި ބޭނުންކުރި ލަފުޒުތަކެއް އުވިގޮސްފައިވަނިކޮށް އެ އެލަފުޒުތައް އަލުން ދިރުވަން މަސައްކަތްކުރުމަކުން ލިބޭނެ ކުރިއެރުމަކަށްވުރެ ގާތީ އިތުރު ލަފުޒުތަކެއްވެސް ވެއްޔާމޮޑެވިގެންދިއުމެވެ.
ދިވެހި ބަހަށް ކުރިއެރުން ހޯދުމުގައި ބޭނުންވަނީ، ދިވެހު ބަހުގެ ފުރިހަމަކަން އެގޮތުގައި ދަމަހައްޓާ، ދިވެހި ބަހުގެ މުއްސަނދިކަން ފަޤީރުވިޔަ ނުދީ، ނުފޫޒުން އެއްކިބާވެފައިވާ ސާފު ނަޟާހާތްތެރި ބަހެއްކަމުގައި ދިވެހި ބަސް ހެދުމެވެ. ދިވެހި ބަހުގެ މި ޚާއްސަ ސިފަތަކަކީ ބަވަނަ ވަމުންދާ މިދުނިޔޭގެ އިސް މޭސްތިރިންގެ ސަމާލުކަމަށް ގެނެވިއްޖެ ސިފަތަކެއްކަމަށް ވަނީނަމަ، ދިވެހި ބަސް 'ޤަތުލު'ކޮށްލުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި އެހީތަކެއް ދިވެހި ބަހަށް ހޯދުމުގެ ފުރުޞަތު ބޮޑެވެ.
ރާއްޖޭގެ އާބާދީއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބައި މަދު އާބާދީއެއް ނަމަވެސް، ކޮންމެ ދިހަ އަހަރަކުން އުވިދާ ދުއިސައްތަ ފަންސާސް ބަހުގެ ތެރޭގައި ދިވެހި ބަސް ހިމެނުނަ ނުދިނުމަށްވެސް ދިވެހިންނަށް ފުރުޞަތު ފަހިވާ އެއްކަމަކީ ބަވަނަވަމުންދާ އަދުގެ ދުނިޔޭން ފައިދާތަކެއް ހޯދުމެވެ. އެގޮތުން ލިބިފައިވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހި ބަސް ދިރުވާ އާލާކުރުމުގެ މަސައްކަތްކުރުމުގެ ފުރުސަތުވެސް މިއަދު ދިވެހިންނަށް ވަނީ ލިބިފައެވެ. ދިވެހި ބަހަކީ އަތުލިޔުމުން ލިޔެ ހެދުމަށް އުނދަގޫ ބަހެއް ކަމަށް އަދުގެ ޒުވާން ޖީލުން ދައުވާ ކުރަމުންދަނިކޮށް، އެންމެ ޒަމާނީ މަސްނޫޢީ ވަސީލަތްތައް މެދުވެރިކޮށް ދިވެހިން ލިޔެހެދުމަކީވެސް ބަސް ހިމާޔަތްކުރިވިދާނެކަމަށް ހެކިދޭ މިސާލެކެވެ. ކަރުދަހަކާ ގަލަމެއް ހިފައިގެން އިނދެ ނުލިޔެވޭ ކިތަންމެ ވާހަކަތަކެއް، ފަރަންޖީން ގެނެސްދިން ކޮމްޕިޓަރުގެ އެހީގައި ލިޔަމުން ދަނީ މަދު ބައެއް ނޫނެވެ.
ދިވެހި ބަހުގެ އަސްލުން ފެށިގެން މިއަދާ ހަމަޔަށް އައި އިރުވެސް، ބޭރުގެ ބަސްތަކުން ދިވެހި ބަހަށް މުއްސަނދިކަން ގެނެސްދިން އިރު، އަދުގެ ޒުވާން ޖީލުތަކުގެ އަތް މައްޗަށް ބަސް ދޫކޮށްލާއިރު، ބޭރު ބަސްތަކުގެ ނުފޫޒުގައި ޖެހި، އުވިދިއުމުގެ އޮއެވަރުގައި ދިވެހި ބަސް ޣަރަޤުވިޔަނުދިމަށްޓަކައި ދިވެހިންގެ ކިބައިގައި ޤައުމީ ލޯބި ވަރުގަދަކުރަންޖެހެއެވެ. ދިވެހިންގެ ތެރެއިން ދިވެހި ބަސް މަރުވެދާނެ ޢަމަލުތައްވެސް ހިންގާކަމީ މިއަދުވެސް ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭކަމެކެވެ. އެގޮތުން ތުއްތު ކުދީންނަށް ދިވެހި ބަހަކީ އުނދަގޫ ބަހެއްކަމުގައި ސިފަކޮށްދެވޭ ދިނުން ބަދަލުކޮށް، ބަހުގެ ދަރަޖަތަކާ ހަމަތަކަކީ ހަމަޖެހޭ އުސޫލަކާ ޤަވައިދާކުން ސާބިތުކޮށްދެވޭނެ އެއްޗަކަށް ވެއްޖެނަމަ، ބަވަނަވުމުގެ އޮއެވަރުގައި ދުނިޔެ ޖެހިފައިވާއިރު، މިއޮއެވަރުގައި ދިވެހި ބަސް މަރުވިޔަ ނުދީ، ދެމެހެއްޓުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅަކަށް ވުމުގެ ފުރުސަތެއް ކަމުގައި ބަވަނަވުން ދެކެވިދާނެއެވެ.
ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި، ދިވެހި ބަސް މަރުވިޔަނުދީ ދެމެހެއްޓިދާނެ ތޯކުރެވޭ ސުވާލުގެ ޖަވާބަށް އޮތީ ކަށަވަރު ޖަވާބެކެވެ. ބޭރުގެ ބަސްތަކުގެ ނުފޫޒުން ދިވެހި ބަސް ސައްތަ އިންސައްތަ ޙިމާޔަތްކުރެވޭނެ ފުރުޞަތެއް ނެތް އިރު، ބަވަނަވުމުގެ ރޭހުން ކާމިޔާބު ހޯދާ، ބަސް ދިރުވާ އާލާކުރުމުގެ ފުރުޞަތު ދެމެހެއްޓުމަކީ މިފަދަ ދަނޑިވަޅެއްގައި ދިވެހި ކޮންމެ އަފުރާދަކަށްވެސް ފަރުދީ ފެންވަރުގައި އަދާކުރެވޭނެ ޒިންމާއެއްކަމީ، ދިވެހި ބަސް އުވިދިއުމުގެ ބިރާ މެދު ކުރެވޭ ސުވާލުތަކުގެ ޖަވާބެވެ. މާ ކުރިން އުވިގޮސްފައި އޮތް "ސަރައްކާލި" ބޭނުންކުރަން އުޅެގެން ދެވަނަ ފަހަރަށްވެސް އެއް ހަރަކުން ކަށިޖެހިޔަ ހަމަ ދެއްވަނީތޯއެވެ!