އާ ލްފްޒުތައް ހެދުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ބަސްތައް ހަދަން ވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތައް ކަމަށާ މިކަމުގެ އުސޫލަށް ބަދަލު ގެނައުމަށް މިހާރު ދަނީ ދިވެހި ބަހުގެ އެކެޑަމީއާ ވާހަކަ ދެކެވެމުން ކަމަށެވެ. ޔުމްނާ ވިދާޅުވީ ބަސަތައް އެކުލަވާލުމުގައި އާންމުންގެ ހިޔާލުވެސް ހޯދަން ވާނެ ކަމަށެވެ.
މިނިސްޓާ ޔުމްނާ މި މޭރުމުން ޓްވީޓް ކުރައްވާފައިވަނީ އައިޖީއެމްއެޗް ގެ އާ އިމާރާތުގެ ހިދުމަތްދޭ ކޮޓަރިތަކާ ފަންގިފިލާތަކުގެ ނަންތައް ދިވެހިންގެ ތެރޭގައި އާންމު ނޫން ލަފްޒުތަކަކުން ބޭނުން ކޮށްފައި ވާތީ ގިނަ އާންމުންތަކެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ނުރުހުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
މި ފަރާތްތަކުން ބުނަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަންބޯޑުތަކަކީ ޖޯކެއް ކަމަށާ ބޭނުންކޮށްފައިވާ ގިނަ ލަފްޒު ތަކަކީ އާންމުންނަށް އާ ލަފްޒުތަކަކަށް ވުމުގެ އިތުރުން މި ލަފްޒުތަކުގެ މާނަ ދެނެގަތުމަށް އުނދަގޫކަމަށެވެ.
އެހެން ނަމަވެސް ދިވެހި ބަހުގެ އެކެޑަމީ އިން ބުނެފައިވަނީ މި ލަފުޒުތައް ހެދީ ދުނިޔޭގެ ކުރި އަރައިފައިވާ ބަސްބަހުގެ ބަސްވާރުން ވެސް ކަންކުރާ ހަމައިން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި އައިޖީއެމްއެޗްގައި ފެންނަން ހުރި ބައެއް ބޯޑުތަކަށް ބަލާއިރު 'އަގީމު ސަރައްކާލި' އާއި 'އަރެސް ދޮވެބަހައްޓާ ކޮޓާރު' ފަދަ ނަންނަން ފެންނަން ހުއްޓެވެ. ނަމަވެސް އާންމުން ދަނީ ހޮސްޕިޓަލް ފަދަ ތަންތަނަކީ އެމަޖެންސީ ހާލަތްތަކުގައިވެސް ހަރަކާތްތެރިވާން ޖެހޭ ތަންތަން ކަމުން އާންމުންނަށް ފަސޭހަ ވާނޭ ގޮތަށް ބޯޑުތަކުގައި ނަންތައް ޖެހުމަށް ގޮވާލަމުންނެވެ.
މީގެ ކުރިން ބައެއް ފަރާތްތަކުން ވަނީ އައިޖީއެމްއެޗްގެ ބޯޑުތަކުގައި ނަންތައް ދިވެހިން އިނގިރޭސި ލަފްޒުތައް ލިޔެފައިވާތީ އެކަމާވެސް ފާޑުކިޔާފައެވެ.