އަލަމާރި ސާފު ކުރިއިރު ޕްލާސްޓިކް އުރައަކަށް ލާފައި އޮތް އެއްޗެއް ފެނުނެވެ. އެއީ އެރަށު ހޮސްޕިޓަލުން ދީފައިވާ ކޮތަޅެކެވެ. އެ ކޮތަޅު ދިން ފަހުން އަދި ބަލާ ނުލައި ބޭއްވުނު މަތިން އޭނާ ހަނދާންވިއެވެ. އޭނާގެ މަންމަ މަރުވި އިރު ލައިގެން ހުރި ހެދުމާއި ސާމަނުތައް ޕެކްކޮށްފައި އެ ކޮތަޅަށް އަޅާފައި ހުރިތަން ފެނުމުން ލީޒާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މަންމަ އެ ދުވަހު ލައިގެން ހުރި ހެދުން ބަލާލުމުގެ ބޭނުމުގައި ލީޒާ އެ އުރަ ހާވާލަމުން އެ ހެދުމުން ވަސް ބަލާލިއެވެ. އެ ހެދުން ނަގާ ނިއުޅުވާލި ވަގުތު އޭގެތެރެއިން އެއްޗެއް ތަޅުންމައްޗަށް ވެއްޓުމުން އޭނާ ސިހުންވެ ތިރިއަށް ބަލާލިއެވެ.
ބިންމަތީ އޮތް ކަޅު ކުލައިގެ ފަށަށް ލީޒާ ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. އެ ފަށް ނަގާ ލީޒާ އެއަށް ރަނގަޅަށް ބަލާލިއެވެ. އޭގެ ފުލަކަށް ވަނީ ރަތްކުލަ، ރީނދޫކުލަ އަދި ފެހިކުލައިން ޒީނަތްތެރިކޮށްފައިވާ ފާޑެއްގެ ފަތެކެވެ. އެއީ ރީޝާ އަދި ލީޒާގެ ފަށެއް ނޫން ކަން އޭނާއަށް ޔަގީނެވެ. އެހެންވެއްޖިއްޔާ އެއީ ކާކުގެ ފަށެއް ހެއްޔެވެ. މަންމަ ނިޔާވި އިރު ހޮސްޕިޓަލުން ދިން ތަކެތީގެ ތެރޭގައި އެ ފަށް އޮންނަންވީ ސަބަބު ހޯދަން އޭނާ ބޭނުންވިއެވެ.
އެ ހަފްތާ ތެރޭވެސް ލީޒާ ވިސްނަމުން ދިޔައީ އެ ފަށާ މެދުއެވެ. އޭނާގެ މަންމަގެ މަރަކީ ގުދުރަތީ މަރަކާ މެދު އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނާ ހަމައިގައި ހުންނަން ބޭނުންވީ އެ ހިޔާލުތަކުން އޭނާގެ ސިކުނޑިއަށް ވިސްނައިދެމުން ދިޔަ ކަންތައްތައް ހަމަޖެހޭނެ ފަދަ ގޮތަކަށް އަތުރާލަން ބޭނުންވެފައި ހުރުމުންނެވެ.
ހީކަރުވަމުން ދިޔަ ލީޒާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކަށް ކެތްތެރިވާން އޭނާ ބޭނުމެވެ. ގައިގެ ހަންގަނޑު ހިރުވާ ހެންވެސް އޭނާއަށް ހީވެ ނިޔަފަތިތަކުން ގައި ކެހުން އިތުރުވިއެވެ. އެފަދަ އުނދަގޫތައް ވާން ފެށުމުން މަސްތުގެ ހާލަތަށް ގޮސް ވަމުން ދިޔަ އުނދަގޫތަކުން ސަލާމަތްވާން ބޭނުންވެދާނެތީ އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އޭނާގެ އަޒުމް ފުނޑުކޮށްލަފާނެ ކަމާމެދު އަމިއްލަ މީހާއަށް އޮތް ޔަގީންކަން ކުޑަވިއެވެ. އެހެންކަމުން ލީޒާ ގަސްތުކުރީ މިރޭ ގޭގައި މަޑުނުކޮށް ބޭރަށް ނުކުންނާށެވެ.
ވައި ޖައްސާލަން ނުކުތުމުގެ ބަހަނާގައި ލީޒާ ބޭރަށް ނުކުމެ ދެއަތް ދެއަތާ ހާކާލަމުން ހަށަންބަނދެލީ އޭނާ ހީކަރުވާފައި ހުރުމުންނެވެ. އެވަގުތު ލީޒާގެ ފަހަތުން ޒިދާނު ނުކުމެ ޖީބުން އޭނާ ނެގި ޕިލް އަނގަޔަށް ލާ ދިރުވާލިއެވެ. ލީޒާއާ އެކީ އެކަހެރިވެލަން ބޭނުންވެފައި ހުރި ޒިދާނު ކުރިއަށް ހިނގައިގަތީ ލީޒާގެ އަތުގައި ހިފައިގެންނެވެ. ދެމީހުން ހިނގަމުން ދިޔައިރު ޒިދާނުގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ އެތައް ޖަޒުބާތެއް އުތުރިއަރަމުން ދިޔައެވެ. ޒިދާނު މިސްރާބު ޖެހީ މީހުން ނޫޅޭ އެކަހެރި ދިމާއަކަށެވެ.
ވަލުތެރެއަށް ވަދެވެން އޮތް މަގަށް އަޅާލި އިރު ޒިދާނު ނެގި ޕިލްގެ އަސަރު އޭނާގެ ހަށިގަނޑަށް ކުރަން ފަށައިފިއެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ފަތްތަކުގައި ފެހިކުލައިގެ ދަޅައެއް އަޅަމުން ދިޔައެވެ. އާޝޯޚްވެފައި އެ މަންޒަރަށް ބަލަމުން ޒިދާނު ދިޔައިރު އޭނާއަށް މި އުޅެވެނީ ހުވަފެނީ އާލަމެއްގައި ކަހަލައެވެ. މާ އަޅާފައިވާ ވެޔޮގަނޑުތައް އޭނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ދައްކައިދެމުން ދިޔައިރު ވަޔާ އެކީ އެ ވެޔޮތައް ނަށަމުން ދިޔައެވެ. ގަސްތަކުގެ އެތެރެއަށް ވަންނަން ހިފާލުމުން ދެން އެތަނުން ފާޅުވި އަލިފާން ކޮކާ ތަކެކެވެ. އެކޮކާތައް އެދެމީހުން ވަށާ އުދުހެމުން ދިޔައެވެ. ފަޒާގައި ހަރުލާފައިވާ ތެތް ފިނިކަމުން އޭނާގެ ހަށިގަނޑަށް އަރާމްކަމެއް ލިއްބައިދިނެވެ.
ގަހެއްގެ ދޮށުގައި ދެމީހުން ތިބި އިރު އެ މާހައުލުން ޒިދާނުއަށް ފެންނަމުން ދިޔަ މަންޒަރުތަކުން އޭނާ ހުރީ މަޖާވެފައެވެ. ނަމަވެސް އެއިން މަޖާކަމެއް ލީޒާއަށް މިރޭ އިހްސާސެއް ނުވެއެވެ. ނެގިމަޑުވެފައި ހުރި ލީޒާގެ ސިކުނޑީގައި ވަށާލާފައިވަނީ އޭނާއަށް ޖަވާބު ހޯދަން އުނދަގޫ އެތައް ސުވާލުތަކެކެވެ. އޭނާގެ މުޅި ދިރިއުޅުން ބަނަވެފައިވާ ކަހަލައެވެ. ވަލުތެރެއިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ބިރުވެރިކަމާއި އެކަނިވެރިކަމެވެ. ލީޒާގެ ހިތަށް ވެރިކުރުވަމުން ދިޔަ އާދާޔަ ހިލާފް އިހްސާސްތަކުން ބަރީއަވާން އޭނާ ބޭނުންވިއެވެ، ޒިދާނުގެ ފިރުމުންތަކުންވެސް އޭނާއަށް މިރޭ ވާން ފެށީ އުނދަގުލެވެ. ލީޒާގެ ހަށިގަނޑާ ގާތްވަމުން ދިޔަ ޒިދާނުގެ މޭގައި އަތް އަޅާ ދުރަށް ޖައްސާލުމަށްފަހު އޭނާ އެނބުރިލީ އަތިރިމައްޗަށް ނުކުމެވެން އޮތް ދިމާއަށެވެ. ގުދުތަރީ އެ މާހައުލުން އޭނާގެ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ.
މަޑު ފިޔަވަޅުތަކެއްގައި އަތިރި މައްޗަށް ނުކުމެވުމުން ހިތަށް ހަމަޖެހުމެއް ލިއްބައިދޭނެ ކަމަށް ހީކުރެވުނު ނަމަވެސް ލީޒާގެ ކުރިމައްޗަށް އައިސް ހުއްޓުނީ މަޒީގެ ހިތް ދަތި ހަނދާންތަކެވެ. އެ ހުރި ފިޔަވަޅު މައްޗަށް ހުއްޓުން އެރި ގޮތަށް އޭނާއަށް ދެލޯ ބޮޑުކޮށްލައިގެން އެ މަންޒަރަށް ބަލަން ހުރެވުނީ މީގެ ދެމަހެއްހާ ދުވަސްކުރިން އެތަނުގައި ހިނގި ހާދިސާ ހަނދާން ވުމުންނެވެ. އެރަށުގައި އޭނާ މަޑުކުރި ސަބަބާއި އޭނާގެ ލޯބިވާ މަންމަ މި ދުނިޔެއިން ދާއިމަށް ވަކިވެގެން ދިޔަ ހަނދާންތައް އާވާން ފެށުމުން އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.
ގޮނޑުދޮށާ ދިމާއަށް ނަޒަރު ހުސްކޮށްލައިގެން ހުރި ލީޒާގެ އަތުގައި ޒިދާނު ހިފާލީ އޭނާގެ ކައިރިއަށް ލީޒާ ގެންނާށެވެ. ނަމަވެސް ޒިދާނުގެ އަތް ފޮޅުވާލުމަށްފަހު ލީޒާ ކުރިއަށް ހިނގާފައި ގޮސް އަތިރި މަތީ ރާޅުޖަހާ ހިސާބުގައި ހުރި ބޮޑު ހިރިގަލުގެ މަތީގައި އިށީނެވެ. އޭނާގެ ހިތުގައި މިއޮއްހާ ދުވަހު ސިއްރުކޮށްގެން ހުރި ވާހަކަތައް ޒިދާނުއާ ހިއްސާކުރަން ބޭނުންވިއެވެ. ފަސް އެނބުރި ޒިދާނުއާ ދިމާއަށް ލީޒާ ބަލާލީ ކަރުނުން ފުރިފައިވާ ދެލޯ އަތުގެ ނުފުށުން ފޮހެލަމުންނެވެ. އޭރު ޒިދާނުގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފެނި ކަމެއް ގޯސްވެއްޖެ ކަން ލީޒާއަށް ދެނެގަންނަން އެނގުނެވެ.
"ހިނގާ މިތަނުން ދާން..." ޒިދާން ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ވެއެވެ. ޒިދާނުގެ ހަރަކާތްތަކާއި އަމަލުތައް ހުރި ގޮތުން ލީޒާއަށް ހައިރާން ކަމެއް ލިބިފައި އިން ނަމަވެސް އެތަނުން އެވަގުތު ދާކަށް ލީޒާ ގަސްތެއް ނުކުރިއެވެ.
"ނުދަންޏާ ލީޒާ އިނދޭ... މަ މި ދަނީ..." ލީޒާ ދޭނެ ޖަވާބަކަށް ބެލުމެއް ނެތި ޒިދާނު ފަސްދީ އެތަނުން ދާން ހިނގައިގަތީ ބިރެއް ފެނިގެން ކަހަލައެވެ. ޒިދާނު ދިޔަ ދިމާއަށް ބަލަން އިން ލީޒާއަށް ކަމެއް ފާހަގަކުރެވުނެވެ. ޒިދާނަށް ވީ ގޮތާއި އޭނާގެ މޫނަށް އަރާ ފޭބި ކުލަވަރެވެ. ފަތިސްވަންދެން އެ ހިރިގާ މަތީ އޭނާ އިނީ އެކި ކަންކަމާ މެދު ވިސްނާށެވެ. އޭނާގެ ދިރިއުޅުން ބަދަލުވި ގޮތާއި އެއީ އޭނާ އުޅެން ބޭނުން ނުވާ ދިރިއުޅުމެއް ކަން ވިސްނުނެވެ. ގޯސް ރަހްމަތްތެރިންތަކަކާ ޖެހި އޭނާ ހަލާކުވެފައިވާ ކަންވެސް އޭނާއަށް ވިސްނުނެވެ. ލީޒާ ދެކެ ހަގީގީ ލޯބިވާ މީހަކަށް ޒިދާނު ވީ ނަމަ މަންމަ މަތިން ހަނދާންވެ ދެރަވެފައި އެހެން އިންދާ އޭނާ އެކަނި ކޮށްލާފައި ނުދާނެކަން ލީޒާގެ މޮޔަ ސިކުނޑިއަށް ފަހުމްވިއެވެ.
އިރުއެރުމުން ލީޒާ ގެއަށް އައިސް ވަނީ އަރާމްކޮށް ނިދާލަން ބޭނުންވެފައި ހުރުމުންނެވެ. ގެއަށް އައިސް ވަތް އިރު ގޭގައި އެކަކުވެސް ނެތެވެ. ގޭގެ މައިދޮރުން އެތެރެއަށް ވަދެ ވަށައިގެން ލީޒާ ހޯދާލިއެވެ. މުޅި ގޭތެރެ ވަނީ އެ ފުށް މިފުށަށް ޖަހާފައެވެ. ކުނި ބުންޏާއި ހުސްކުރި ފުޅިތަކާއި ސިނގިރޭޓް ފިލްޓަރުތައް އެތަން މިތަނަށް އުކާފައިވާ އިރު އެތަން ވައްތަރީ ކުޑަ ވަރެއްގެ ގޮނޑަކާއެވެ. ކޮޓަރިއަށް ވަދެ އެނދު ކައިރީ ހުރި މޭޒުމައްޗަށް އޭނާ ނަޒަރު ހިންގާލި ވަގުތު ލޮލުގައި އަޅައިގަތީ މޭޒުމަތީ ބާއްވާފައިވާ ކޮކޭން ޕެކެޓްތަކާއި ޒިދާނުގެ ލައިސަންސް ކާޑެވެ. އެ ކާޑުގައި ޖަހާފައިވާ ޒިދާނުގެ ފޮޓޯއަށް ބަލަން ހުރި ލީޒާގެ ހިތުގައި އަލިފާނުގެ ހުޅުގަނޑެއް ރޯވެގެން ދިޔައެވެ. ޒިދާނުދެކެ އައިސްފައި ހުރި ރުޅިން ކޮކޭން ޕެކެޓްތައް ގެންގޮސް ފާހާނާ ތައްޓަށް އަޅާ ފްލޭޝް ކޮށްލިއެވެ. ނިދަން އޮށޯތުމުގެ ކުރިން މާލޭގައި ހުރި ލީޒާގެ ބޮޑު ބޭބެއަށް ގުޅައިގެން އެދުވަހުން އެދުވަހަށް މާލެ ދެވޭނެ ގޮތެއް ހަމަޖެއްސިއެވެ.
ހަވީރު ވީ އިރު ލީޒާ ހުރި ދަބަހަށް އަންނައުނުތައް އަޅާ ޕެކްކުރާށެވެ. ގޭތެރެއަށް މީހަކު ވަތް އަޑު އިވުމުން އެއައީ ކާކުކަން ލީޒާ އަށް އެނގުނެވެ. މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ލީޒާ ޕެކްކުރި ދަބަހުގެ ޒިބު ކަހާލިއެވެ. ލީޒާ މާލެ ދާން އުޅެނީކަން އެނގުމުން ޒިދާނު ކަންބޮޑުވިއެވެ. އޭނާއަށް މިނިވަން ކަމާއެކު ޕާޓީ ކޮށްލާނެ އައްޑާއެއްވެސް ދެން ނުލިބޭނެ ކަން އެނގި ޖެހިލުން ވިއެވެ. ލީޒާ ދިއުމުން އެ ތަކެތި ގަންނާނެ ފައިސާ ލިބެން އޮތް ކޮޅުވެސް ގެއްލޭނެ ކަން އޭނާއަށް އެނގުނެވެ. އެހެންކަމުން ލީޒާ ދިޔަނުދީ ހުއްޓުވަން ޒިދާން މޮޅު ވާހަކައެއް އޭނާގެ ސިކުނޑީގައި ރާވާލިއެވެ.
"މިރޭ މިއުޅެނީ ވަރަށް ނައިސް ސްޓަފް ކޮޅެއް ހޯދަން... ކީއްކުރަން މާލެ ދަނީ.. އެއީ އަބަދު ރޭޑް ޖަހާތަނެއް... މިރަށުގައި މަޑުކުރީމަ މާ ސަޅިއެއްނު... ލީޒާ ބުނާ ވަރަކަށް ބޮޑުބޭބެމެން ފައިސާ ފޮނުވާނެ.. ސޯ... ބޮއެގެން މެރީ ކޮށްގެން އުޅޭނީ އެކީގަ..." ޒިދާނުގެ އެ ތާކުންތާކު ނުޖެހޭ ޕްރޮޕޯސަލް ގަބޫލުކުރާކަށް ލީޒާ ބޭނުމެއް ނުވިއެވެ. ލޯބީގެ ދަޅަ ދައްކައިގެން ހައްދަން ޖައްސާ އެއީ މޮޅެތި ސްޓޯރީކަން ލީޒާއަށް މިހާރު އެނގެއެވެ. ދެލޯ ހުޅުވިފައިވާ ލީޒާ ދަބަސް ހިފައިގެން އެގެއިން ނުކުންނަމުން އަތުގައި އޮތް ޒައިދުގެ ލައިސަންސް ކާޑަށް ބަލާލިއެވެ. އެ ފޮޓޯގައި ޒައިދުގެ ކަރުގައި އަޅާފައިވާ ފަށުގެ ފުލަށް ބަލަން ހުރުމަށްފަހު އެ ކާޑާއި ލީޒާ އަތުގައި އޮތް ފަށް ޒިދާނުއާ ހަވާލުކުރިއެވެ. ޒިދާނު ދެލޯ ބޮޑުކޮށްލީ އޭނާ ގެއްލިގެން އުޅުނު ފަށް ކުއްލިއަކަށް ފެނުމުންނެވެ. ފަތެއްގެ ބައްޓަމަށް އޮތް ފުލުގެ ފަހަތުގައި ކަނޑާ ނަގާފައިވާ ޒެޑް އަކުރުގައި އިނގިލި ކާއްތާލަމުން ޒިދާނު ސުވާލުކޮށްލީ އެފަށް ލީޒާއަށް ލިބުނު ގޮތެއް އޮޅުން ފިލުވާށެވެ.
އެގެއިން ނުކުންނަން ދަމުން ލީޒާ ފަހު ފަހަރަށް ޒިދާނާ ދިމާއަށް ބަލާލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އެފަށް އޮތީ ތުނޑީކޮޅަށް ގެންބިގެން މަރުވެފައި އޮތް ލީޒާގެ މަންމަގެ މުށުތެރޭގައި ކަމަށް ބުނެލަމުން ލީޒާ ގޭގެ މައިދޮރު ލައްޕާލިއެވެ.
ހުސްކޮށް އޮތް ގޭގެ ސިޓިންގް ރޫމަށް ޒިދާނު ބަލާލަމުން އޭނާ އެހުރިތަނަށް ތިރިވިއެވެ. ކަކޫ ޖަހައިގެން އިން ޒިދާނުގެ ލޯމައްޗަށް އެދުވަހުގެ މަންޒަރުތައް ސިފަވަމުން ދިޔައީ ފިލްމެއްހެންނެވެ.
ގެއިން ނުކުތް އިރު ވާރޭ ވެހެމުން ދިޔުމުން ލައިގެން ހުރި ކޯޓުގެ ހުޑުން ބޯ ނިވާކޮށްލައިގެން ޒިދާނު މިސްރާބު ޖެހީ ވަލުފަތާރުން ތުނޑިއާ ދިމާއަށެވެ. އިރުކޮޅެއް ކުރިން އޭނާ ނެގި ޕާޓީ ޕިލްގެ އަސަރުތައް ކުރަން ފެށީ އޭނާއަށް ވަލުތެރެއާ ހަމައަށް އާދެވުމުންނެވެ. ބޯ ވިއްސާރައިގެ ތެރޭގައި އޭނާއަށް އެމަންޒަރު ފެންނަމުން ދިޔައީ ބިރުވެރިކޮށެވެ. އަނދިރިކޮށް އޮތް ގަސްތަކުގެ ތެރެއިން ކަޅު އަތްތަކެއް އޭނާގެ ގަޔާ ދިމާއަށް އަންނަ ތަން ފެނުމުން އެ އަތްތަކުން ރެކެން ބޭނުންވިއެވެ. ކުރިއަށް ނުދާން ހުރި ނަމަވެސް ތުނޑީ ކައިރިއަށް އޭނާގެ އެކުވެރިއެއް އަންނާތީ ގެއަށް އެނބުރި ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޒިދާނު ބޭނުންވާ ކަހަލަ ކޮކޭން ޕެކެޓްތަކެއް ލިބޭނެތީ އެ ފުރުސަތު ގެއްލުވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ވަލުތެރެއަށް ވަންނަމުން ދިޔަ ޒިދާނަށް ވަށައިގެން ވާ ގަސްތަކުގެ ގޮފިތައްވެސް އަތް ތަކެއްހެން އޭނާއަށް ހަނާ އަޅަމުން ދާ ކަހަލައެވެ. ވިއްސާރައިގެ ތެރެއިން ފެނަމުން ދިޔަ އަނދިރި ކަމުގެ ތެރެއިން އެތައް ލޯތަކެއް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ތިބި ކަހަލައެވެ. ވާރޭ ވެހޭ އަޑާއި ގޮނޑުދޮށަށް ރާޅު ޖަހާ އަޑު އިވެމުން ދިޔައެވެ. އިވޭ އަޑުތަކަށް ސަމާލުކަން ނުދީ ކުރިއަށް ދާން ޒިދާނު ހިނގައިގަތް ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ރީތި ރާގަކަށް ލަވަކިޔަމުން ދިޔަ އަންހެނެއްގެ އަޑެވެ. ދޭތެރެއަކުން ކިޔަމުން ދިޔަ ލަވަ ހުއްޓާލާ އިރަށް ދެން އިވެނީ ހިނިގަނޑެއް ޖަހާލާ އަޑެވެ. ގަސްތަކުގެ ތެރެއިން އަތިރި މަގާ ދިމާއަށް ޒިދާނު ނުކުތީ ތެޅިތެލި އޮތް ހިތަކާއެކުގައެވެ. އޭރު ރާޅު ޖަހާ ހިސާބުގައި ހުރި ހިރިގަލެއްގެ މަތީގައި އިށީނދެލައިގެން އިން އަންހެންމީހާ ފެނުމުން ޒިދާނުގެ ފިޔަވަޅު ހުއްޓުނެވެ. މޫދުގެ ތެރެއިން އޭނާގެ ނިގޫ ފަތްގަނޑު ޖަހާލަ ޖަހާލައިން ތަން ފެނުމުން ޒިދާނު ހައިރާންވިއެވެ. އޭނާގެ ލޯމައްޗަށް އެ ފެންނަނީ ހަގީގަތެއް ކަމާ މެދު ހިތުގައި ޝައްކެއް އުފެދުނެވެ. އެ ހިރި ގަލުގެ މަތީ ބޯ ހާވާލައިގެން އެ އިނީ ފެނު ޕަރީއެކެވެ. ހިޔާލީ ވާހަކަތަކުގައި ބުނެ އުޅޭ ކަހަލަ މާމައިޑެކެވެ.
ކުރިއަށް ޖެހެމުން ގޮސް އެ އަންހެންމީހާގެ ކޮނޑުގައި ޒިދާނު ހިފާލިއެވެ. ހަމައެއާއެކު އޭނާގެ މޫނު ޒިދާނާ ދިމާއަށް އަނބުރާލުމާއެކު ޒިދާނު ދިޔައީ ސިއްސައިގެންނެވެ. ރަތްވެފައިވާ ބޮޑު ދެލޮލުން ހީވަނީ އަލިފާން ކަނި ބުރަމުން ދިޔަ ހެންނެވެ. ތަންމިނަށް އޭނާ ހުޅުވާލި އަނގަ ބޮޑު ކަމުން ކަތުރުކަށިގަނޑާ އެކު ހުޅުވާލާފައިވާ އިރު ހީވީ ދެންމެދެންމެ އައިސް ޒިދާނު ކާލަ ފާނެހެންނެވެ. ދިގުކޮށް ފޭރާތަކެއްހެން ހުރި ދަތްތައް ފެނި ޒިދާން އަތް ފޮޅުވާލަމުން އެއްގަމަށް އަރަން ފިޔަވަޅު އަވަސްކޮށްލިއެވެ. ދެން އިވުނީ އޭތީގެ ހަޅޭކުގެ އަޑެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގެން އިރު އޭތީގެ އަޑު ތޫލި ކަމުން ޒިދާނުގެ ކަންފަތަށް އުނދަގޫވެ އަރިއަޅާލއިގެން ވެއްޓުނެވެ. ޒިދާނުގެ ގައިގާ އޭތި ހިފައިގަތް އިރު އޭނާވެސް އޮތީ މޫދުގެ ލޮނުގަނޑުގެ ތެރޭގައެވެ. ޒިދާނު އޭތީގެ ކައިރިން ސަލާމަތްވާން މަސައްކަތް ކުރަން ތެޅިގަތް ވަގުތު ފައިން ޖަހާ އޭތި މޫދުގެ ތެރެއަށް ކޮށްޕާލީ ގަތްފައިހުރި ބިރަކުންނެވެ.
ބިރުން ވިރިވިރި ހުރި ޒިދާނު ގަސްތަކުގެ ތެރެއިން ނުކުންނަން އަވަސްވެގަތެވެ. އެވަގުތު ވަލުތެރެއަށް ވަންނަން ދިޔަ އަންހެނެއްގެ ގައިގާ ޖެހި ޒިދާނު މޫގަނޑެއްގެ މައްޗަށް ވެއްޓުނެވެ. އަޅާލުމެއް ނެތި ޒިދާނު އެތަނުން ދިޔައީ ޖެހިގަތް އަންހެންމީހާ އާ ދިމާއަށް ބަލާލުމެއް ނެތިއެވެ. އޭނާ ބިރުން ހުރިވަރުން ގެއަށް ގޮސް ހަމަޖެހެން މަސައްކަތް ކުރިއެވެ. މިރޭ ފެނުނީ ފުރޭތައެއް ކަމެއް ޖިންނި އެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެ ފެނުނު މަންޒަރަކީ ހަގީގަތެއް ކަމެއްވެސް އޭނާއަކަށް ޔަގީނެއް ނޫނެވެ. ސަބަބަކީ އޭނާ ހުރީ އެރޭ ޕިލްއެއް ނަގައިގެންނެވެ. އިރު އެރުމާއެކު އެ ސަރަހައްދުގައި މީހަކު މަރުވެފައި އޮތްވާ ފެނުނު ވާހަކަ އިވުމުން ޒިދާނު އިތުރަށް ބިރުގަތެވެ. އޭނާ ވަލަށް ވަތް ވާހަކަ ހުރިހާ ރައްޓެހިންނަށް ސިއްރު ކުރީ އެ މަރުވި މީހާއަށް ހެދުނު ގޮތް އޭނާގެ ލޮަލަށް ސިފަވަމުންނެވެ.
މަޑު ދުވެލީގައި ލޯންޗު އެ ރަށުގެ ފަޅުން ނުކުތް އިރު ލީޒާ އިނީ އެ ރަށާ ދިމާއަށް ބަލާށެވެ. އޭރު ލީޒާ އިނީ އިންތިހާއަށް ހީކަރުވާފައެވެ. ގައި ހިރުވާ މީހާއަށް އިނދަގޫ ވެފައެވެ. އޭނާގެ މަންމަ މަރުވިފަހުން ޒިދާނާ ގުޅިގެން ކުރެވުނު މޮޔަ ކަންތައް ހިތަށް އެރުމުން ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެ އަނދަވަޅުން އޭނާއަށް ސަލާމަތްވެވުނީތީ އޭނާ ހިތާހިތާ ޝުކުރު ކުރިއެވެ. ދުވަހަކުވެސް ދެން އެކަހަލަ ގޯސްކަމެއް ނުކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ.
(ނިމުނީ)