ރޯދަ މަހުގެ ތިންވަނަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓްގެ އަދަދު މަދުވެ، އެކްސިޑެންޓްތަކުގައި އަނިޔާވި މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހިނގާފައި ވަނީ 47 އެކްސިޑެންޓެވެ. އަދި މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ 6 މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. އޭގެ ކުރީ ހަފްތާގައި 54 އެކްސިޑެންޓެއްވެ 20 މީހަކަށް އަނިޔާވެފައި ވެއެވެ.

މިމަހުގެ 18 އިން 24 އަށް ފުލުހުން އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުން 702 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެ. ޕާކިން ސްޓިކާ ޖެހި އަދަދުވެސް މިދިޔަ ހަފްތާގައި ވަނީ މަދުވެފައެވެ. އޭގެ ކުރީ ހަފްތާގައި 814 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެއެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 366 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 85 މައްސަލައެއް ބެލިފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް ނެތި 46 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ޓްރެފިކް ލައިޓް ފެޅި ހަތް މީހެއްގެ މައްސަލައިގެ އިތުރުން 18 އަހަރު ނުފުރޭ ކުއްޖަކު ސައިކަލް ދުއްވައިގެން ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފްތާގައި ހަތް ކާރެއް ޓޯކޮށްފައިވާ އިރު، 22 ސައިކަލެއް ވަނީ ޓޯކޮށްފައެވެ.