ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު މަޖީލިހުގެ ރައީސްކަމަށް ގެންނެވުމަށް ރައީސް ސޯލިހު ނެންގެވި ސްޓޭންޑަށް ދާންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޔައުގޫބް އަބްދުﷲ ތާއިދުކުރައްވައިފިއެވެ.
ޔައުގޫބަކީ މިހާތަނަށް އަފީފަށް ތާއިދުކުރައްވާކަން ފާޅުގައި ހާމަކުރެއްވި ފުރަތަމަ މެންބަރެވެ. އަފީފަށް ތާއިދުކުރައްވާ ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފަކީ ވެސް އެމްޑީޕީގެ ދެ މެންބަރުން ކަމަށެވެ. އަދި މަޖިލިސް ރައީސް ކަމަށް ގާބިލް ދެ ބޭފުޅުން ކަމަށާއި، މަޖިލީހުގެ ރައީސްކަމުގެ ވޯޓު އަފީފަށް އަދި ނައިބު ރައީސްކަމުގެ ވޯޓު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އަންނަ އަންގާރަ ދުވަހު އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައިވާ އިރު، މަޖިލީހުގެ ރައީސްކަމަށް ހޮވާނެ މެންބަރަކު ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫއްޕުގެ މެންބަރުންގެ މެދުގައި މާދަމާ ވޯޓެއް ނަގާނެއެވެ.
މަޖިލީހުގެ ރައީސްކަމަށް އަފީފް ރަނގަޅުކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނަޝީދު ވަނީ އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ނޯމިނޭޓްކުރައްވާފައެވެ.
މި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ އިރު، ރައީސްގެ ސްޓޭންޑާ ދެކޮޅަށް އަސްލަމަށް ވޯޓު ދެއްވާނެކަމަށް މިހާތަނަށް ހާމަކޮށްފައިވަނީ 10 މެންބަރުންނެވެ. މީގެ ތެރޭގައި މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ހިމެނިވަޑައިގަންނަވައެވެ.