ހުޅުމާލޭގައި ކުޑަ ދެކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 1:00 ޖަހާކަންހާއިރު ހަ އަހަރާއި އަށް އަހަރުގެ ކުޑަ ދެ ފިރިހެން ކުއްޖަކާ މެދު ފިރިހެނަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައާއި ގުޅިގެން ރޭ ދަންވަރު 2:48 ހާއިރު، ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަަށެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ ބިދަބިން ބޮޑުބެރު ގުރޫއްޕުގައި އުޅޭ ޒުވާނެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަކީ ކުޑަ ދެކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ރޭ ހުޅުމާލޭގައި ގަން ހިންގުވި މީހާއެވެ. ފުލުހުން ބުނީ ހުޅުމާލޭ ސަހަރާ ކައިރީ ބަޔަކު މީހަކަށް އަނިޔާ ކުރި ކަމަށް މައުލޫމާތު ލިބުމުން އެތަނަށް ދިޔަ ކަމަށާއި، އޭނާ ވާހަކަ ނުދައްކާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އޭނާ ފުލުހަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އޭނާ ފެނުނީ، މީހަކަށް އަނިޔާ ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު މަގުމަތިން ހިންގުވާފައި ގެންނަނިކޮށް ކަމަށެވެ.

މި މީހާ ގަން ހިންގުވާފައިވާ އިރު، އޭނާ ގަން ހިންގުވި މީހުން ވަނީ އޭނާ ކުރި ކަންތައް އޭނާ ލައްވާ ކިޔުއްވާފައެވެ. އަދި އޭނާ ވަނީ ދެ ކުޑަކުދިންނާ ބެހުނު ކަމަށް ބުނެ އޭނާ ކުރި ކަންތައް ކިޔައިދީފައެވެ.