ވެލި ބަރުކޮށްގެން ލ. ހިތަދޫ ކައިރިން ދަނިކޮށް ފެނުނު ބޯޓަކީ ބްރިޖް ހެދި ސީސީސީސީ ކުންފުންޗާ އެއްވެސް ގުޅުމެއް ހުރި ބޯޓެއް ނޫންކަމަށް ޗައިނާ އެމްބަސީން ބުނެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެ ބޯޓަކީ ސީސީސީސީ ކުންފުނީގެ ސަބްކޮންޓްރެކްޓުގެ ދަށުން އެތެރެ ކުރި ބޯޓެއް ނަމަވެސް މިހާރު އެ ކޮންޓްރެކްޓް އުވާލައިފައި ވާކަމަށް ޗައިނާ އެމްބަސީ އިން ބުނެފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ ބޯޓުގައި ތިބި މީހުން ބުނާގޮތުން ނަމަ އެއީ ބްރިޖް އެގްރީމެންޓްގެ ދަށުން ވެލި ނަގައިގެން ދުބާއީ އަށް ވެލި ގެންދާ ބޯޓެކެވެ. އަދި އެކަން ކުރަމުން ދަނީ ބްރިޖް އެގްރީމެންޓުގެ ދަށުން އެއާއި ގުޅުން އޮތް ކުންފުންޏަކުން ކަމަށެވެ. ނަމަވެސް އީޕީއޭއިން ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ހިސާބަކުން ވެލި ނަގައިގެން ދުބާއީއަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމްސްއިން ވެސް ދަނީ މިމައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންނެވެ.
ފުލުހުން ބުނީ ބޯޓަކީ ހުނާން އައުބޯ ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ އުޅަނދެއް ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ބްރިޖްގެ މަސައްކަތް ކޮށްފައި ވާއިރު އެ މަސައްކަތަށް ރާއްޖެ ގެނައި ތަކެއްޗާއި އުޅަނދުތަކުން ޑިއުޓީ މާފު ކުރި ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަސްޓަމުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.