ލ. ގަމުން ރުއް ނަގައިގެން ބޭރުގެ ކޮޅުވެއްޓިއަކަށް ބަރުކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ރަށްރަށުން ރުށް ނަގައިގެން ގެންދާ މައްސަލަ ބޮޑުވެފައިވަނިކޮށް އިއްޔެ ވަނީ ގަމުން ރުއް ނަގައިގެން ގެންދާ މައްސަލައެއް ފެންމަތިވެފައެވެ. ނަމަވެސް ގަމުން ރުއް ނަގައިގެން ގެންދަނީ ކައުންސިލްގެ ހުއްދައާއެކު ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ބޭރުގެ ކޮޅުވެއްޓިއަކަށް ރުއް ބަރުކުރި މައްސަލައާއި ގުޅޭގޮތުން ކަސްޓަމްސް އިން ބުނެފައި ވަނީ ރިސޯޓު ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިން ކްރާފްޓަކަށް ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.
ކަސްޓްމްސްއިން ބުނެފައިވަނީ މި މައްސަލަ ބެލިބެލުމުން އެނގުނު ގޮތުގައި އެ އުޅަނދަށް ރުއް ބަރުކުރަމުންދަނީ ގަމު ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ. ނަމަވެސް އެ މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން އިތުރަށް ބަލަމުންދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ ރާއްޖޭގައި ހިންގާ އިގްތިސޯދީ ބޮޑެތި ޕްރޮޖެކްޓްތަކަށް ގެނެވޭ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެތި ކަމަށެވެ. އަދި އެފަދަ އުޅަނދު ފަހަރުގެ ކަންކަން ބަލަހައްޓަމުން ދާނީ އެ އުޅަނދަަކަށް އައްޔަންކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީކުރެވިފައިވާ ލޯކަލް އެޖެންޓެއް މެދުވެރިކޮށް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ބޭރުގެ ކޮޅުވެއްޓިއަކަށް ރުއް ބަރުކުރި މައްސަލައެއް ބަލަމުންދާ އިރު، އިއްޔެ ވަނީ ބްރިޖު ހެދި ސީސީސީސީ ކުންފުނިން އެތެރެކޮށްފައިވާ ބޯޓަކުން ވެލިބަރުކޮށްގެން ދިޔަ މައްސަލައެއް ފެންމަތިވެފައެވެ. މި މައްސަލަވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.