މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ މަސްރޭހުގެ ހަތަރު ވަނަ ބުރުން ފުރިހަމަ ކާމިޔާބީއެއް ހޯދައިގެން ފައިނަލުން ސްޓެލްކޯ ވިމެންސް ޓީމް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރު ރޭ ކުރިއަށް ގެންގޮސްފައި ވާއިރު އެއީ މަސް ރޭހުގެ މި ސީޒަން ހާއްސަ ބުރެއްގެ ގޮތުގައި ފާހަގަކޯށްލެވެއެވެ. މި މުބަރާތުގައި މިއަހަރު 16 ޓީމްގެ ބައިވެރިވެފައިވާއިރު، ހަތަރު ވަނަ ބުރުގައި ބައިވެރިވީ ހަތަރު އަންހެން ޓީމެވެ. އެއީ ޓީމް ޔުނައިޓެޑް ބީއެމްއެލް، ޓީމް ސްޓެލްކޯ ވިމެންސްގެ އިތުރުން ޓީމް ޑީއެސްސީ ވިމެންސް އަދި ޓީމް އެމްޓީސީސީ ކަނބަލުންނެވެ.

އުރީދޫ މަސްރޭހުގެ ހަތަރު ވަނަ ބުރުން ކާމިޔާބު ހޯދި ޓީމް ސްޓެލްކޯ ވިމެންސް މަސް ކިރުމުގައި / ފޮޓޯ: އުރީދޫ

ސްޓެލްކޯގެ އަންހެން ޓީމް ރޭ، ފައިނަލަށް ދަތުރު ކުރި އިރު ސްޓެލްކޯގެ ފިރިހެން ޓީމް ވެސް ވަނީ މަސްރޭހުގެ ތިން ވަނަ ބުރުން ފައިނަލަށް ދަތުރުކޮށްފައެވެ. ހަަމައެއާއެކު އުރީދޫ މަސްރޭހުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯދައި ފައިނަލަށް ކްލަބް ވެލައްސަރު ޓީމް ދަތުރުކުރި އިރު، ދެވަނަ ބުރުން ފައިނަލަށް ދަތުރު ކުރީ ޓީމް ބޮއިއެވެ.

އުރީދޫ މަސްރޭހުގެ ހަތަރު ވަނަ ބުރުގައި ބައިވެރިވި ޓީމް ޔުނައިޓެޑް ބީއެމްއެލްގެ ބައިވެރިއެއް / ފޮޓޯ: އުރީދޫ

މި އަހަރު މަސް ރޭހުގައި ބައިވެރިވާ ޕާޓްނަރުންގެ ތެރޭގައި ވީމީޑިއާ އާއި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ އިތުރުން މާލެ ސިޓީ ކައުންސިލް އަދި ފިޝަރީޒް މިނިސްޓްރީ ހިމެނެއެވެ. މި މުބާރާތް ބާއްވާ 10 ވަނަ އަހަރަށް ވެފައި މި އަހަރުގެ މަސް ރޭހަށް އައުޓް ބޯޑް އިންޖީނާއި އަގު ބޮޑު އިނާމުތައް ވަނީ ހުށަހަޅާފައެވެ.