އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލާ، ދުނިޔޭގެ އެކިކަންކޮޅުތަކުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީތައް ބާތިލުކޮށްދިނުމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ، ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ސްރީލަންކާގައި ތިއްބަވާ ޑިޕްލޮމެޓިކް ފެންވަރުގެ ބޭފުޅުން ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކާ އެމީހުންގެ ނެޓްވާކުތައް ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާއިރު އެގައުމުގެ ސަލާމަތީ މަސްރަހު ވަރަށް ބޮޑަށް ހެޔޮ ފާލަކަށް އެޅިފައިވާ ކަމަށެވެ.

އާންމު ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ކަންކަން އާދައިގެ މަތިން ހިނގަން ފަށާފައިވާކަން ފާހަގަކުރައްވާ، ވިކްރަމަސިންހަ އިތުރަށް ވިދާޅުވީ، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ އެންމެ ފުރިހަމައަށް ކަމަށެވެ.

ސްރީލަންކާއަށް ދަތުރުކުރުމުގައި ވީހާވެސް ބޮޑަކަށް ސަމާލުވުމަށް ގޮވާލާ، ދުނިޔޭގެ އެކި ހިސާބުތަކުން ނެރެފައިވާ ޓެރެވެލް އެޑްވައިޒަރީތާއް ބާތިލުކޮށްދިނުމަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާވެސް ވަނީ މިމަހު ކުރީކޮޅު ގޮވާލައްވާފައެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން ސްރީލަންކާއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 70 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ. ފަތުރުވެރިން ނޫން ގޮތްގޮތަށް، ތާފަތު އެހެނިހެން ބޭނުންތަކަށް ސްރީލަންކާއަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުންގެ އަދަދުވެސް ދަށްވެފައިވާކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.