އިންޑިއާގެ ސޫރަތު ސިޓީގައި ހިންގާ ޓިއުޝަން ސެންޓަރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ މަރުކަޒުގައި ކިޔަވަމުންދިޔަ 17 ދަރިވަރަކު މަރުވެއްޖެއެވެ.

މަރުވި ދަރިވަރުންނަކީ ކުލާސްތަކުގައި ހުޅު ހިފުމުގެ ސަބަބުން މަރުވި ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި އިމާރާތުން ބޭރަށް ފުންމި ބައެއް ދަރިވަރުން ވެސް ހިމެނެއެވެ.

އިމާރާތުގައި ރޯވެ، ކުޑަދޮރުތަކުން ބޯ ދުން ބޭރުވަމުން ދިޔައިރު ގިނަ އަދަދެއްގެ ދަރިވަރުން އިމާރާތުން ބޭރަށް ފުންމާ މަންޒަރު ފެނިގެންދިޔަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގައި މަރުވި ގިނަ ދަރިވަރުންނަކީ ފުރާވަރު އުމުރުގެ ކުދިންތަކެކެވެ.

ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ހަލުވިކަމާއެކު އަލިފާންގަނޑު ފެތުރިގެން ދިޔައީ ތޮއްޖެހިފައިވާ ކުލާސްތަކުގެ ފުރާޅު އެޅުމަށް ބޭނުންކޮށްފައިވާ އެއްޗެއްގެ ސަބަބުން ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އިތުރު 20 ދަރިވަރަކަށް ގުޖުރާތުގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.

ވެރިކަމުގެ އިތުރު ދައުރެއް ޔަގީނާ ގާތަށް ކަށަވަރުކުރައްވާފައިވާ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ މިހާދިސާގައި ފުރާނަ ގެއްލިދިޔަ ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. ޒަހަމްވީ ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދޭކަން ފާހަގަކުރައްވާ، ކުރެއްވި ޓުވީޓެއްގައި މޯދީ ވަނީ ހާލުގައިޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ގުޖުރާތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރޫޕާނީގެ ތަރުޖަމާނު ވިދާޅުވީ މި ހާދިސާ ތަހުގީގު ކުރުމަށް އަމުރެއް ނެރެވިފައިވާކަމަށާއި 3 ދުވަހުގެ ތެރޭގައި ރިޕޯޓް ލިބޭނެ ކަމަށެވެ.