ވެލި ބަރުކޮށްގެން ދަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޯޓަކީ ސިނަމާލެ ބުރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއިން ވެލި ނަގައިގެން ދުބާއީއަށް ވެލި ގެންދާ ބޯޓެއް ފެނިއްޖެކަމަށް ބުނެ މިއަދު ސޯޝަލް މީޑިއާގައި ހަބަރު ފެތުރުނު ބޯޓާއި ގުޅޭގޮތުން ފުލުހުން ބުނީ، މިއަދު 5:10 ހާއިރު ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނާއި ސިފައިން އެކީގައި އެ އުޅަނދަށް އެރިކަމަށެވެ. އަދި އެ ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރާއި ދިދަ ނެތް ކަމަށާއި، ބޯޓަށް ވެލި ބަރުކޮށްފައިވާ ކަމަށެވެ.

އެ ބޯޓުގައި ތިބި މީހުންނާ ހަވާލާފީ ފުލުހުން ބުނީ، އެ ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރަން އަރުވާފައިވާ ވެލި ކަމަށެވެ. ނަމަވެސް މި ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތުގެ ހުއްދަ ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވެލި ބަރުކޮށްގެން ދަތުރުކުރަމުންދާ ބޯޓު / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ މި ބޯޓަކީ ސިނަމާލެ ބުރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެކެވެ. އަދި މި ބޯޓަކީ ހުވަދުއަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށާއި، ނަމަވެސް ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ލ. އަތޮޅުގައި މަޑުކުރީ ކަމަށް ފުލުހުން ބުނެއެވެ. އަދި ބޯޓުގައިވާ މައްސަލަަތައް ރަނގަޅުކުރުމަށް ފުލުހުން ވަނީ ބޯޓަށް އަންގާފައެވެ.

ވެލިބަރުކޮށްގެން ބޯޓެއް ދާ މައްސަލައިގައި އެންވަޔަރަމަންޓް ޕްރޮޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ އެއްވެސް ފަރާތަަކަށް ދީފައި ނުވާނެކަަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށާއި، އެފަދަ ކަމެއް ހިނގާފައިވާނަމަ އެކަން ހުއްޓުވާނެ ކަމަށެވެ.