ފަހުދިހައަށް ކުޑަތަންވެފައިވާ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ނުހިފާ އުޅޭ މީހުން ދެނެގަތުމަށް މެލޭޝިއާގެ އޮފިޝަލުން ކައްކާއިންނާ ވެއިޓަރުންގެ ގޮތުގައި ޖާސޫސް ކުރަން ނިކުމެއްޖެއެވެ.
މުސްލިމުންގެ މެޖޯރިޓީ އޮންނަ މެލޭޝިއާގެ ކާބޯތަކެތި ވިއްކާ ތަންތަނުގައި ވެއިޓަރުންނާ ކައްކާއިންގެ ގޮތުގައި ހެދުން އަޅައިގެން ކަމާ ބެހޭ އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތު ކުރާ ފަރާތްތަކުން ދަނީ މިކަން ކުށްވެރި ކުރަމުންނެވެ. އެގޮތުން މިއީ ޖާސޫސު ކުރުމުގެ ބޭއަދަބީ އަމަލެއް ކަމަށް އެ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
ގަސްތުގައި ރޯދަ ދޫކޮށްލާ މީހުން ހޯދުމަށް މެލޭޝިއާގެ ސެގާމަތު މުނިސިޕަލް ކައުންސިލުން ފަށާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެ ކައުންސިލްގެ ރައީސް މުޙައްމަދު މަސްނީ ވަކިމާން ބުނީ ޖާސޫސީ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަން ހޮވާފާނީ ހަމުގެ ކުލަ އަނދިރި އޮފިސަރުން ކަމަށާ، އެކަން އެހެން ކޮށްފައިވަނީ އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކާ ބުނާ އެއްޗެއް ގާބުލުކުރުމަށް މެލޭޝިއާގެ އާންމުންނަށް ފަސޭހަވެފައި އޮތަތީ ކަމަށެވެ. މެލޭޝިއާގައި ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްދޭ ގިނަ އައުޓްލެޓްތަކުގައި މުޅިންހެން މަސައްކަތްކުރަނީ ދުނިޔޭގެ އެކި ހިސާބުތަކުން އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނެވެ.
ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި، ކާބޯތަކެތި ވިއްކާ ރެސްޓޯރަންޓް ކެފޭ ފަދަ ތަނަކުން މުސްލިމަކު އެއްޗެއް ގަންނަތަން ފެނިއްޖެނަމަ، ޖާސޫސީ އޮފިސަރުން އެ މީހެއްގެ ފޮޓޯ ނަގައެވެ. އަދި އިތުރު ފިޔަވަޅު އެޅުމަށްޓަކައި ދީނީ ކަންކަމާ ބެހޭ އިދާރާއާއި އެ ފޮޓޯ ހަވާލުކުރެއެވެ.
މެލޭޝިއާގެ ގާނޫނު ހަމަޖެހިފައިވާ ގޮތުން ގަސްތުގައި ރޯދައަށް ނުހުރެއްޖެކަން ސާބިތުވެއްޖެނަމަ 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. ނުވަތަ 240 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. ނުވަތަ 2 އަދަބުވެސް ދެވިދާނެއެވެ.
މުސްލިމު އަންހެނުންގެ ހައްގުތައް ޕްރޮމޯޓް ކުރުމަށް މެލޭޝިއާގައި ހަރަކާތްތެރިވާ "ސިސްޓާޒް އިން އިސްލާމް" ޖަމާއަތުން ބުނީ މިއީ ލަދުވެތި އޮޕަރޭޝަނެއް ކަމަށާ، މިއި އިސްލާމް ދީނާ ބެހޭ ގޮތުން ނުރަނގަޅު މެސެޖުތަކެއް މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުންނަށްވެސް ފޯރުކޮށްދޭ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިހާރުން މިހާރަށް މި އޮޕަރޭޝަން ހުއްޓާލުމަށްވެސް އެ ޖަމާއަތުންވަނީ ގޮވާލާފައެވެ.
32 މިލިއަން މީހުން މެލޭޝިއާގައި ދިރިއުޅެމުންދާއިރު، %60 އަކީ މައިގަނޑު ގޮތެއްގައި މެލޭ ދަރިކޮޅުގެ މުސްލިމުންނެވެ. ދެން ގިނައިން އުޅެނީ ޗައިނާއާއި އިންޑިއާ ދަރިކޮޅުގެ ޣައިރު މުސްލިމުންނެވެ.