ފަލަސްތީނުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ނިންމުނު ނިންމުމާ އެއްކޮޅަށް ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖެއިން ވޯޓު ދީފިއެވެ.

ހެލްތް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ސިއްހީ ހާލަތު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ގޮވާލާ ތައްޔާތުކޮށްފައިވާ ރިޕޯޓްގައިވާ ކަންކަމާ މަޝްވަރާކޮށް، މިކަމާގުޅިގެން ނިންމި ނިންމުމަށް ތާއީދުކޮށް މިހާރު ހިނގަމުންދާ 72 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖެއިން ވޯޓްދީފައިވާ ކަމަށެވެ.

މި ނިންމުމާ އެއްކޮޅަށް ވޯޓްދީފައިވަނީ ދިވެހިރާއްޖެ ހިމެނޭގޮތުން 96 މެމްބަރު ގައުމަކުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމަށްވާ އެމެރިކާ، ޔޫކޭ، އޮސްޓްރޭލިޔާ، ކެނެޑާ، ބްރެޒިލް ހިމެނޭގޮތަށް 11 ގައުމަކުން މި ނިންމުމާ ދެކޮޅަށް ވޯޓުދީފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފަލަސްތީނު ސަރަހައްދުތަކުގެ ދިރިއުޅުމުގެ ހާލަތާއި އޭގެ ސަބަބުން ކުރިމަތިވެފައި ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން އަލިއަޅުވާލާފައިވެއެެވެ. މީގެ އިތުރުން ގާޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހައްޔަރުވެފައިވާ ފަލަސްތީނުގެ ރެފިއުޖީންގެ ހާލަތާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހާލަތު ފާހަގަކޮށްފައިވެއެވެ.

އަދި މިމައްސަލަތަކާއި ސިއްހީ ހާލަތު ރަނގަޅުކުރުމަށް މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި މެމްބަރު ގައުމުތަކުން ހުށަހަޅާ ކަންތައްތައް ވެސް ވަނީ ހިމަނާފައެވެ.