ކ. ދިއްފުށީގައި ރޭ ހިނގި ހަމަނުޖެހުމުގައި އަނިޔާ ވެފައިވަނީ ހަތަރު މީހުންނަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރޭ އިރާކޮޅު ހިނގި މި ހަމަނުޖެހުމުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން މާލެއަށް ގެނައި ތިން މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާ ކަމަށެވެ. އަަދި މި ހަތަރު މީހުންގެ ތެރެއިން އެކަކަށް ތުލުސްދޫ ހޮސްޕިޓަލުން ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެގޮތުން، މި ހަމަނުޖެހުމުގެ ސަބަބުން، ހާލު ސީރިއަސްވެ އައިޖީއެމްއެޗަށް ގެނައި އެކަކުގެ އޮޕަރޭޝަނެއް މިއަދު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާތީ ކަމަށެވެ.
ދިއްފުށީގައި ހިނގި މި ހަމަނުޖެހުމާއި ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މި ހާދިސާއަކީ ރަށުން ވައްކަން ކުރާތީ ވަގަކު ހޯދުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުތުމާއެކު ހިނގި ހަމަނުޖެހުމެއް ކަމަށެވެ. މިހާދިސާގައި ޒަހަމްވި މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާގެ ނިއްކުރިމަތިން މޫނު މައްޗަށް ލޭ ފައިބާފައި ހުރި އިރު އުނަގަނޑުގައި އޮތް ސޯޓު ފިޔަވައި ގައިގައި ހެދުމެއްވެސް ނެތެވެ. އޭރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައެވެ. އޭރުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު 'އެއީ ވަގެއް' ކަމަށް ގޮވާ އަޑު ވީޑިއޯއިން އިވެއެވެ.
ދިއްފުށީގައި ވައްކަން އިތުރު ވުމުގެ މައްސަލަތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެންމަތިވެފައެވެ. އެގޮތުން އެރަށުގެ ފިހާރައެއްގެ ތިޖޫރީ ވަގަށް ނަގާފައި ވާއިރު ގެސްޓް ޝޮޕަކުންވެސް ވައްކަން ކުރުމުގެ މައްސަލައެއް ފެންމަތިވެފައިވާކަމަށް އެރަށުން ވަނީ މައުލޫމާތު ލިބިފައެވެ.